ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓުމަންޓާއި ދިވެހިބަހާއި ސަގާފަތާއި ތާރީހާ ބެހޭ މިނިސްޓްރީއާ އެކު މަޝްވަރާ ބައްދަލުވުމެއް އިއްޔެ ބާއްވައިފި އެވެ.
ފުލުހުން މިއަދު ބުނީ މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމުގައި ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އާއި އެ މިނިސްޓްރީގެ އިސް ބައެއް ވެރިންނާއި ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަންވަރު ނައީމް އަދި ޑިޕާޓްމަންޓުގެ ކަމާ ގުޅުންހުރި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
އެ ބައްދަލުވުމުގައި ދެ އިދާރާ ގުޅިގެން އެކި ކަހަލަ ދިރާސާތައް ހެދުމުގައި މިނިސްޓްރީގެ ފަރާތުން ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައިވާ ކަމަށާއި ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުންކުރާ މަސައްކަތްތަކުގައި ވެސް މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި, އެ ބައްދަލުވުމަކީ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ގާތުން އެންމެ ރަނގަޅަށް ފޯރުކޮށްދިނުމަށްޓަކާ އެކި އިދާރާތަކާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ކުރިއަށް ގެންދާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.
ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި މަޝްވަރާކުރީ އެކިއެކި ހާދިސާތަކުގައި ނަފުސާނީ ގޮތުން ޝިކާރައަކަށް ވެފައިވާ މީހުންގެ ހާލަތު ރަނގަޅުކުރުމުގައި، ދިވެހިބަހާއި އަދަބިއްޔާތާއި ދިވެހި ސަގާފަތުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ މުއައްސަސާ ގުޅިގެން އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ކަމަށެވެ.