ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) މެންބަރުގެ މަގާމަށް ހަނިމާދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުޖުތާޒް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މުޖުތާޒް ވަނީ މަގާމުގެ ހުވާކުރައްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި މުޖްތާޒަށް ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދެވެ. އަދި ސީއެސްސީގެ މެމްބަރު ކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ އެ ރަސްމިއްޔާތުގައި މުޖުތާޒުއާ ހަވާލުކުރައްވައިފަ އެވެ.
މުޖުތާޒަކީ ބެޗްލާ އޮފް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ ރައީސް އޮފީހުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރުކަމާއި އެ ނޫން ވެސް އިސް މަގާމުތައް ކުރިން އަދާކުރައްވައިފަ އެވެ.
ސީއެސްސީގެ މެމްބަރުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ރަޝީދު މިދިޔަ މަހުގެ 11 ވަނަ ދުވަހު އިސްތިއުފާދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައި ވަނިކޮށެވެ.