އައިޖީއެމްއެޗްގެ އޯޕީޑީ ވަގުތު އިތުރުކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ. ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި މިނިސްޓަރު ނާޒިމް ވިދާޅުވީ، އައިޖީއެމްއެޗް އައުޓްޕޭޝަންޓް ޑިޕާޓްމަންޓް (އޯޕީޑީ) ހަވީރުގެ ވަގުތުތަކުގައި ހިންގުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
މި މަޝްވަރާތައް ކުރެވެމުންދަނީ ކަމާގުޅުންހުރި އެންމެހައި ފަރާތްތަކާއެކު ކަމަށާއި، މި ޚިދުމަތް ފޯރުކޮށްދެވޭނީ މުވައްޒަފުންނަށް އިތުރު އެލަވަންސްތަކެއް ހަމަޖެއްސުމަށްފަހު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޞިއްޙީ ޚިދުމަތް ހޯދުމަށް އެދޭ ފަރާތްތަކުގެ ދިގު ކިޔުތައް ކުރުކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިގޮތުން، ޑޮކްޓަރުންނާއި އެހެނިހެން ވަސީލަތްތައް އިތުރުކުރުމަކީ މުހިންމު ކަމެއްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ނިސްބަތުން ޑޮކްޓަރުންނާއި އެނދުގެ ޖާގަ މަދުވުމަކީ ދިމާވެފައިވާ ގޮންޖެހުމެއްކަން ފާހަގަކުރައްވައި، މި ސަބަބާހުރެ ބައެއް އޮޕަރޭޝަންތައް ފަސްކުރަން ޖެހިފައިވާކަންވެސް މިނިސްޓަރ ހާމަކުރެއްވިއެވެ.
މިނިސްޓަރު ނާޒިމް އިތުރަށް ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކުގެ އޯޕީޑީ ވަގުތު އިތުރުކޮށް ދެ ދަންފަޅިއަށް ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އަދި އައިޖީއެމްއެޗްގެ ބައެއް ޑިޕާޓްމަންޓްތަކުގައި ކިޔު ދިގު ނަމަވެސް ބައެއް ޑިޕާޓްމަންޓްތަކުގައި ކިޔު ނެތްކަންވެސް ފާހަގަކުރެއްވިއެވެ.
ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކުގައިވެސް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް ދެތިންމަސްދުވަހު ކިޔުގައި މަޑުކުރަންޖެހޭ ކަމަށް މިނިސްޓަރު ނާޒިމް ފާހަގަކުރެއްވިއެވެ. ނަމަވެސް، ރާއްޖޭގައި މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން މިނިސްޓަރ އިތުރަށް ވިދާޅުވިއެވެ.