އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ނިންމެވި ނިންމެވުމަކީ އެމަނިކުފާނު ވެރިކަމާއި ޙަވާލުވެވަޑައިގަތް ފަހުން ނިންމެވި އެންމެ މުހިންމު ނިންމުންތަކުގެ ތެރެއިން އެއް ނިންމެވުމެވެ.
ރައީސްގެ މި ހިތްވަރުގަދަ ފިޔަވަޅަކީ ފަލަސްތީނުގައި އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާ އާއި ދެކޮޅަށް އެޅުއްވި އެންމެ މުހިންމު ފިޔަވަޅެވެ. ދިވެހިރާއްޖެއިން އަބަދުވެސް ފަލަސްތީނުގެ މައްސަލައަށް ތާއީދުކުރި ނަމަވެސް، މިފަދަ ހަރުދަނާ ފިޔަވަޅެއް ދިވެހި ތާރީޚުގައި ވެސް މިނޫނީ އަޅާފައެއް ނުވެއެވެ.
ފަލަސްތީނުގެ ޙައްޤުތަކުގައި ޒަމާނުއްސުރެ ރާއްޖެއިން ވަކާލާތުކުރަމުން ގޮސްފައިވީނަމަވެސް މީގެ ކުރީގެ އެއްވެސް ސަރުކާރަކުން މިފަދަ ބޮޑު ފިޔަވަޅެއް އަޅަން މަސައްކަތްކޮށްފައިނުވާއިރު، މިފަދަ ކަމަކަށް ވިސްނާފައެއް ވެސް ނުވެއެވެ. މިއީ ގިނަ ދިވެހިން ދެކޭގޮތުގައި ކުރިން ވެސް އަޅަންޖެހިފައިވާ ފިޔަވަޅެކެވެ.
ރައީސް މިއަދު އެޅުއްވި މި ފިޔަވަޅަކީ ހަމައެކަނި ޑިޕްލޮމެޓިކް ފިޔަވަޅެއް ނޫނެވެ. ބައިނަލްއަޤުވާމީ މުޖުތަމައުން ދެކޭނެ ގޮތެއް، އަޅާފާނެ ފިޔަވަޅަކަށް ބިރު ނުގަނެ، ދިވެހިރާއްޖެ ފަދަ ކުޑަ ޤައުމަކުން ފަލަސްތީނުގެ ޙައްޤުގައި މިއަދު އަޅާފައިމިވާ ފިޔަވަޅަކީ ތައުރީފު ޙައްޤު ފިޔަވަޅެކެވެ.
ސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާއި އެއްގޮތްވާގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ގޮވައިލައްވައިފައެވެ.