ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑން (ޑީއެންއާރު) އިން ރާއްޖޭގެ 17 ރަށަކުން އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ދެމުންދާކަމަށް ވިދާޅުވެއްޖެއެެވެ.
އެންމެ ފަހުން މިޚިދުމަތްދިނީ ށ.އަތޮޅުގައެވެ.
ޑީއެންއާރުން އިތުރަށް ހާމަކުރި ގޮތުގައި، އަންނަ ހަފްތާ ތެރޭގައި ށ.މިލަންދޫގައިވެސް މި ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދެއެވެ. އަދި މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން އައިޑީކާޑުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ބުނެފައިވެއެވެ.
ރާއްޖެއިން ބޭރުގައިވެސް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ޑީއެންއާރުން ހާމަކޮށްފައިވެއެވެ. އެގޮތުން މެލޭޝިއާ، ސްރީލަންކާ، އިންޑިއާ އަދި އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ބުނެފައިވެއެވެ.
އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފެށިފައިވަނީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. މާލެ ސަރަޙައްދުން ބޭރުން މި ޚިދުމަތް އެންމެ ފުރަތަމަ ޤާއިމުކޮށްފައިވަނީ ގއ.ވިލިނގިލީގައެވެ.
ރާއްޖޭގެ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށް ޑީއެންއާރުން ފާހަގަކޮށްފައިވެއެވެ. އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް ފުޅާކުރުމަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު މި މުހިންމު ލިޔުން ހޯދުމަށް އެހީތެރިވެދޭނެ ކަމެކެވެ.