އިސްރާއީލު ޕާސްޕޯޓް މަނާކުރުން ރައީސް ތަސްދީގުކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ | 13 ދުވަސް ކުރިން - 15 އޭޕްރިލް 2025 13:35
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އިސްރާއީލްގެ ޕާސްޕޯޓް ރާއްޖޭގައި މަނާކުރެއްވުމަށް ބިލް ތަޞްދީޤް ކުރައްވާފަ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އިސްރާއީލްގެ ޕާސްޕޯޓް ރާއްޖޭގައި މަނާކުރެއްވުމަށް ބިލް ތަޞްދީޤް ކުރައްވާފަ.
ޚުލާސާ

މަޤްޞަދަކީ އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރުމަށް، އިސްރާއީލާއި ދެކޮޅަށް ފިޔަވަޅު އެޅުން.

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓައިލަންދެން އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަށް އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ. މި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 83 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅު އެޅުމާއި، އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރުމެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން މި ބިލު އިސްލާހުކޮށް ތަޅުމަށް ފޮނުވާފައިވަނީ 7 އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން މި މަނާކުރުން ދެމިއޮންނާނެ ގޮތަށެވެ.

ސަރުކާރުން މިހާރުވެސް ދަނީ ބައިނަލްއަގުވާމީ މަންސަތަކުގައި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރަމުންނެވެ. މީގެ ތެރޭގައި 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ޤުދުސް ހިމެނޭގޮތަށް، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ގޮވާލުމާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ގޮވާލުން ހިމެނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%