ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ދަތުުރުކުރާ އިރު ޕާސްޕޯޓުގައި ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީންކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެދިއްޖެ އެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅޭ ބިދޭސީން ދެނެގަތުމުގެ ހާއްސަ އޮޕަރޭޝަނެއް އިމިގްރޭޝަން އާއި ހޯމް މިނިސްޓްރީ އަދި ފުލުހުން ގުޅިގެން ހިންގަމުން އަންނަ ކަމަށެވެ.
ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް ވިޔަފާރިތަކާއި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަންގެ އެކި އޮޕަރޭޝަންތަކުގައި ހިފެހެއްޓި ބިދޭސީންގެ ތެރެއިން މިހާތަނަށް ވަނީ 6,076 ބިދޭސީއަކު ޑީޕޯޓްކޮށްފަ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ ކަމަށެވެ.
އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އަދި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.