ރައީސް އެދިވަޑައިގެންނެވީ، ނަފްސާނީ ދުޅަހެޔޮކަމާއި ހަށިހެޔޮކަމަށް ގެއްލުންވާ ކޮންމެ ކަމަކުން ދުރުވުމަށް

އައިޝަތު ރުވާ ރިފްޢަތު | 11 ގަޑިއިރު ކުރިން - 10:34
ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ދިވެހި ކޮންމެ ރައްޔިތަކަށްވެސް ފުރިހަމަ ޞިއްޙީ ފަރުވާ ލިބޭނެ މަގު ފަހިކުރުމަށް ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ކުރުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމަށް ރައީސް ވިދާޅުވި.

ނަފްސާނީ ދުޅަހެޔޮކަމާއި ހަށިހެޔޮކަމަށް ގެއްލުންވާ ކޮންމެ ކަމަކުން ދުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

މިއަދު ފާހަގަކުރެވޭ ދުނިޔޭގެ ޞިއްޙަތު ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ފުރިހަމަ ޞިއްޙީ ފަރުވާ ލިބޭނެ މަގު ފަހިކުރުމަށް ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ކުރުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމަށެވެ. އަދި ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކޮންމެ ރައްޔިތަކަށްވެސް ފާގަތި މުސްތަޤުބަލެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގައި މި ސަރުކާރު ދެމިއޮންނާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އެދިވަޑައިގެންނެވީ ޞިއްޙަތަށް ފައިދާވާ ކާނާ ކެއުމާއި ދިރިއުޅުމުގައި ހަރަކާތްތެރިވުމާއި ނަފްސާނީ ގޮތުން ދުޅަހެޔޮވުމަށް ސަމާލުކަން ދިނުމަށެވެ. މީގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމާއި ހަށިހެޔޮކަމަށް ނޭދެވޭ އަސަރުކުރާ ކަންކަމުން ދުރުހެލިވުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވެވޭ ނިޒާމެއް ޤާއިމުކުރުމަށް އަތޮޅުތަކުގައި ޕްރައިމަރީ ހެލްތު ކެއަރ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ނިޒާމުގެ ދަށުން ދުރާލާ ބަލިތަކަށް ސްކްރީންކޮށް، ޞިއްޙީ ގޮތުން ހޭލުންތެރިކުރުމުގެ އެކި ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.

މީގެ އިތުރުން، ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތްތައް ފުޅާކުރުމަށްވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލުގައި ޓަރޝަރީ ފެންވަރަށް ވަނީ ޚިދުމަތްތައް ޤާއިމުކޮށްފައެވެ. މި ދެ ހޮސްޕިޓަލަށްވެސް އެނދު އިތުރުކޮށްފައިވާއިރު، އައިޖީއެމްއެޗަށް އެނދު އިތުރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ މާލެ ސަރަހައްދުގެ ޞިއްޙީ ނިޒާމަށް 117 އެނދު އިތުރުކުރުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%