ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލެ އާއި ރަށްރަށުގެ ސްކޫލްތަކުގައި ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށީ 90,000 އެއްހާ ދަރިވަރުންނާ އެކުގައި ކަމަށެވެ.
ސްކޫލްތަކުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީއަށް ދިޔައީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.
ގާތްގަނޑަކަށް 40 ދުވަހުގެ ދިގު ޗުއްޓީއަކަށް ފަހު ރާއްޖޭގެ 216 ސްކޫލުގައި މިއަދު ވަނީ ކިޔަވައިދޭން ފަށައިފަ އެވެ.
ޕްރީ-ސްކޫލުން ފެށިގެން ގްރޭޑު 12 އާ ހަމައަށް ކިޔަވައިދިނުމަށް 11,000 ޓީޗަރުން މި ދިރާސީ އާ އަހަރުގައި މަސައްކަތްކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުން. / ފޮޓޯ: ޚުލާސާ
ސްކޫލްތަކުގެ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ އަންނަ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ.
ފުރަތަމަ ޓާމު ނިމި، ދެ ހަފުތާގެ ކުރު ޗުއްޓީއަކަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ އޮގަސްޓު މަހުގެ 10 ވަނަ ދުވަހުއެވެ. އަދި ދިރާސީ އަހަރު ނިމޭނީ އަންނަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި މި އަހަރުން ފެށިގެން ދެން ކޮންމެ އަހަރަކު ވެސް ސްކޫލްތަކުގެ ބޮޑު ޗުއްޓީ، ކުރިއެކޭ ވެސް އެއްގޮތަށް ޑިސެމްބަރު މަހުގައި ލިބޭނެއެވެ.
ސްކޫލް ބޮޑު ޗުއްޓީ އަލުން ޑިސެމްބަރަށް ބަދަލުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.