ހައްޔަރުކޮށްފާނެތީވެ ބިރުން ނަތަންޔާހޫ ދަތުރުކުރެއްވި މަގު ބަދަލުކޮށްފި

ޖަވާދު | 5 ގަޑިއިރު ކުރިން - 17:04
ނަތަންޔާހޫ: އޭނާ ވަޑައިގަތުމާ ގުޅިގެން ހަންގޭރީ ސަރުކާރުން ވަނީ އައިސީސީން ވަކިވާނެކަން އިއުލާންކޮށްފަ.
ނަތަންޔާހޫ: އޭނާ ވަޑައިގަތުމާ ގުޅިގެން ހަންގޭރީ ސަރުކާރުން ވަނީ އައިސީސީން ވަކިވާނެކަން އިއުލާންކޮށްފަ.
ޚުލާސާ

ނަތަންޔާހޫ ދަތުރުކުރެއްވި ފުލައިޓް ދިޔައީ ގާތްގަނޑަކަށް 400 ކިލޯމީޓަރު (248 މޭލު) ދިގު ރޫޓަކުން.

ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓުން ވޮޝިންޓަނަށް ވަޑައިގަތުމަށް ދިޔަ މަގުމަތީގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޭމާ ދަތުރުކުރެއްވި މަގު ބަދަލުކޮށް ވަރަށް ދިގު މަގެއް އިޚްތިޔާރުކުރަން މަޖުބޫރުވެވަޑައިގެންފި ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނެފިއެވެ.

.އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރާ ގައުމުތަކަށް ދަތުރުކުރައްވަން ނަތަންޔާހޫ ބިރުފުޅު ގަނެއެވެ. އެހެންކަމުން ކުއްލި ގޮތަކަށް ފުލައިޓް ޖައްސަން ޖެހުނަސް، އޭނާ ހައްޔަރުކޮށްފާނެތީވެ އައިސީސީގެ އަމުރު ތަންފީޒު ކުރާނެ އަދި ކޮށްފާނެ ކަމަށް ބެލެވޭ އެއްވެސް ގައުމެއްގެ ވައިގެ ސަރަހައްދު ބޭނުންކުރައްވާކަސް ވެސް ނަތަންޔާހޫ ބޭނުންފުޅެއް ނުވެއެވެ.

އިސްރާއީލުގެ ދުވަހު ނޫސް ހާރެޓްޒް އިން މިއަދު ބުނި ގޮތުގައި ނަތަންޔާހޫ ދަތުރުކުރެއްވި ބޯޓު އުދުހިފައި ވަނީ އައިސީސީން ނެރުނު ހައްޔަރު ކުރުމުގެ އަމުރު ތަންފީޒު ކުރެވިދާނެ ގައުމުތަކުގެ މައްޗަށް އުދުހުމުން ސަލާމަތްވުމަށް ގާތްގަނޑަކަށް 400 ކިލޯމީޓަރު (248 މޭލު) ދިގު ރޫޓަކުންނެވެ.

އިސްރާއީލުން ގަބޫލުކުރީ އަޔަލޭންޑް، އައިސްލޭންޑް، ނެދަލެންޑްސް ފަދަ ގައުމުތަކުން އެ އަމުރު ތަންފީޒު ކޮށްފާނެ ކަމަށެވެ. އެހެންވެ އެހާ ދިގު މަގެއް އިޚްތިޔާރުކުރީ ކަމަށް ވެސް އިސްރާއީލްގެ ހަބަރުތައް ބުނެއެވެ.

ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހަނގުރާމަ ފެށި ފަހުން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އެމެރިކާއަށް ކުރި ހުރިހާ ފްލައިޓެއް ވެސް ދަތުރުކުރީ ގްރީސް، އިޓަލީ، އަދި ފްރާންސް ހުރަސްކޮށް އެޓްލާންޓިކް ކަނޑަށް ގޮސް އޭގެ ފަހުން އެމެރިކާއަށެވެ.

ބުރާސްފަތި ދުވަހު ނަތަންޔާހޫ ރަސްމީ ދަތުރުފުޅެއްގައި ބުޑަޕެސްޓަށް ވަޑައިގެންނެވީ ޣައްޒާގައި ހިންގި ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން އައިސީސީން އޭނާ ހައްޔަރުކުރުމުގެ އަމުރަށް ފުރައްސާރަކޮށްފަ އެވެ. އޭނާ ވަޑައިގަތުމާ ގުޅިގެން ހަންގޭރީ ސަރުކާރުން ވަނީ އައިސީސީން ވަކިވާނެކަން އިއުލާންކޮށްފައެވެ.

މިދިޔަ ނޮވެމްބަރު މަހު އައިސީސީން ވަނީ ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ތުހުމަތުގައި ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ނެރެފަ އެވެ.

އިސްރާއީލުން ޣައްޒާގައި ހިންގި އަސްކަރީ އަމަލުތަކާ ގުޅިގެން އިންޓަނޭޝަނަލް ކޯޓުގައި ނަސްލު ނައްތާލުމުގެ މައްސަލައެއް ކުރިމަތިވެފައިވާއިރު، އޮކްޓޯބަރު 7، 2023 ގައި ފަލަސްތީނުގެ ޖަމާއަތް ހަމާސް އިން ދިން ހަމަލާތަކަށް ފަހު 50،700 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%