މޯލްޑިވްސް އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަނެއްގައި، ސައްހަ ވިސާއެއް ނެތި މަސައްކަތް ކުރަމުންދިޔަ 6 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ، އެމީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮޕަރޭޝަންގައި މާލޭގައި ހިންގާ ކެފޭ، ހޮޓާ އަދި ޓޭކްއަވޭ ފަދަ 4 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.
މީގެ ކުރިންވެސް އިމިގްރޭޝަނުން ވަނީ މިފަދަ އޮޕަރޭޝަންތައް ހިންގާފައެވެ. އެގޮތުން މި މަހުގެ 4 ވަނަ ދުވަހު ހިންގި ރެއިޑް އޮޕަރޭޝަނެއްގައި މާލޭގައި ހުންނަ ކެފޭއެއް ބަލައި ފާސްކޮށް، ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 11 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އަދި މިދިޔަ މަހުގެ 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މާލޭ ހީނާމާގޭ ޕާކިންގ ސަރަޙައްދުން ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީއަކުވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
މިދިޔަ އަހަރު އެކަނިވެސް 5600 އަށްވުރެ ގިނަ ބިދޭސީން އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލާފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އަދި ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ އިތުރުން، ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުޞަތުވެސް ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ.
މީގެ އިތުރުން، މި ސަރުކާރުން ވަނީ ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މި މައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތްތަކެއް ފަށާފައެވެ.