މަލްޝާއާއި ޝިއުނާއަށް މަރުގެ އިންޒާރު ދީފި

އަައިޝަތު ޒީނާ | 9 ގަޑިއިރު ކުރިން - 12:54
މަލްޝާއާއި ޝިއުނާ.
މަލްޝާއާއި ޝިއުނާ.
ޚުލާސާ

"ޖޯން ޑެކްލަން" ޖަހާފައިވާ އައިޑީއަކުން އެކްސްގައި ކުރި ރިޕްލައިގައި ވަނީ މަލްޝާއާއި ޝިއުނާއަކީ ކުއްތާއިންތަކެއް ކަމަށް ސިފަކޮށް، އެ ދެމީހުންނަކީ މަރަން ޖެހިފައިތިބި ދެމީހުން ކަމަށް ބުނެފައި.

ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ މަލްޝާ ޝަރީފް އަދި މަރިޔަމް ޝިއުނާއަށް މީހަކު މަރުގެ އިންޒާރު ދީފިއެވެ.

މަލްޝާއާއި ޝިއުނާއަކީ ސަރުކާރުގައި ވަޒީފާ އަދާކުރަމުން، ސަރުކާރުގެ މަސައްކަތްތައް ޕްރޮމޯޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެމީހުންކަން ފާހަގަކޮށްލެވެއެވެ.

އެ ދެމީހުންނަށް މަރުގެ އިންޒާރު ދީފައިވަނީ އެކްސްގައި މީހަކު ކޮށްފައިވާ ޕޯސްޓަކަށް އެހެން މީހަކު ދިން ރިޕްލައި އަކުންނެވެ. "ޖޯން ޑެކްލަން" ޖަހާފައިވާ އައިޑީއަކުން ކުރި ރިޕްލައިގައި ވަނީ މަލްޝާއާއި ޝިއުނާއަކީ ކުއްތާއިންތަކެއް ކަމަށް ސިފަކޮށް، އެ ދެމީހުންނަކީ މަރަން ޖެހިފައިތިބި ދެމީހުން ކަމަށް ބުނެފައެވެ.

އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް މަލްޝާ ވަނީ އެމީހުންނާމެދު އެފަދަ ލާއިންސާނީ ޢަމަލެއް ހިންގަންވީ ކޮން ސަބަބަކާ ހުރެތޯ ސުވާލު އުފައްދާފައެވެ. އަދި މިއީ އިދިކޮޅު އެމްޑީޕީއާއި އެ ޕާޓީގެ ސަޕޯޓަރުން މަލްޝާމެންނާ މެދު ނަފްރަތު އުފެއްދުމަށް ފަތުރާ ދޮގު ވާހަކަތަކުގެ ނަތީޖާކަމަށް މަލްޝާ ބުނެފައިވެއެވެ.

މަލްޝާ ބުނީ އެއްވެސް މީހަކަށް ގެއްލުމެއްދީ، އެއްޗެއް ވަގަށް ނަގައި އަދި އެއްވެސް މީހަކާމެދު ބޭއިންސާފުން ކަންތައް ކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް މި ޤައުމުގައި ގޯސްކޮށް ކަމެއް ހިނގާނަމަ އެކަމުގެ ޒިންމާ މަލްޝާއާއި ޝިއުނާ ބޮލުގައި އެޅުވުމަށް ބައެއް މީހުން މަސައްކަތް ކުރާކަމަށް މަލްޝާ ބުނެފައިވެއެވެ.

ޝިއުނާ ކުރި ޕޯސްޓެއްގައި ވަނީ އޭނާއާއި މަލްޝާ މަރަން ގޮވަމަކީ ކޮން ޤާނޫނަކުން ހުއްދަ ކަމެއްތޯ ސުވާލު އުފައްދާފައެވެ. އަދި އެ އިންޒާރު ދީފައިވަނީ ކާކުކަން ހަމަ ގައިމުވެސް ފުލުހުންނަށް ހޯދޭނެ ކަމަށް ޝިއުނާ ބުންޏެވެ.

ޝިއުނާ ކުރި އިތުރު ޕޯސްޓެއްގައި ބުނީ ފާއިތުވި 7 އަހަރުގެ ތެރޭގައި އިންޒާރު ދިނުމުގެ 3 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި މިފަހަރު ރަސްމީކޮށް މައްސަލަ ހުށަނާޅާނެ ކަމަށާއި ފުލުހުންނަށް އެއީ މައްސަލައެއް ކަމަށް ފެންނަ ނަމަ ބަލަންވީ ކަމަށް، ނޫނީ އަޅާނުލާ ތިބެންވީކަމަށް ޝިއުނާ ވަނީ ބުނެފައެވެ.

މަލްޝާއާއި ޝިއުނާއަށް މަރުގެ އިންޒާރު ދިން މައްސަލަ އެމްޑީޕީގެ ބައެއް އެކްޓިވިސްޓުންވެސް އަންނަނީ ކުށްވެރިކުރަމުންނެވެ. އެގޮތުން މިދިޔަ ސަރުކާރުގައި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަން ކުރައްވާފައިވާ އައިޝަތު ޖެނިފާ ކުރެއްވި ޕޯސްޓެއްގައި ވަނީ އެ މައްސަލަ ބެލުމަށް ފުލުހުންނަށް ގޮވާލައްވާފައެވެ. އަދި މީހަކާ ދެބަސްވިނަމަވެސް މަރުގެ އިންޒާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޖެނިފާ ވަނީ ވިދާޅުވެފައެވެ.

ޖެނިފާ ވަނީ މިފަދަ ކަންކަމުގައި ބަސްބުނެ، އެކަކު އަނެކަކުގެ ރައްކާތެރިކަމަށްޓަކައި އަޑު އުފުލުމަށް ގޮވާލައްވާފައެވެ.

މަލްޝާއާއި ޝިއުނާއަށް ސޯޝަލް މީޑިއާ އަދި މަގުމަތިންވެސް އެކި ކަހަލަ ފުރައްސާރައާ ކުރިމަތިލާން ޖެހޭކަމުގެ ވާހަކައަކީ އެމީހުން އަބަދުވެސް ދައްކަމުން އަންނަ ވާހަކައެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%