ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން މުހައްމަދު އިބްރާހީމް (ކައްޕި)ގެ ސިއްހީ ހާލު ގޯސްވެ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ސްޓްރޯކް ސެންޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.
ސްޓެލްކޯގައި މިހާރު ވަޒީފާ އަދާކުރަމުން އަންނަ ކައްޕިގެ ހާލު ގޯސްވީ އިއްޔެ މެންދުރުފަހު އެ އޮފީހުގައި ޑިއުޓީގައި ހުއްޓައެވެ. މެޑިކަލް ޓެސްޓްތަކުން ކަށަވަރުވެފައިވާ ގޮތުގައި އޭނާގެ ސިކުނޑީގެ ތިން ލޭހޮޅިއެއް ވަނީ ބްލޮކް ވެފައެވެ. އޭގެ ފަހުން އޭނާ ވަނީ އެންޖިއޯޕްލާސްޓީ ހަދައިފަ އެވެ. ނަމަވެސް އާއިލާގެ ގާތް މީހަކު ބުނި ގޮތުގައި އޭނާގެ ސިކުނޑީގެ ބައެއް ލޭހޮޅިތައް ފަޅައިގެން ގޮސްފައިވާއިރު، އިތުރު ފަރުވާއަށް އޭނާ ރާއްޖެއިން ބޭރަށް ގެންދިއުމަށް އާއިލާއިން މިހާރު ދަނީ ވިސްނަމުންނެވެ. އޭނާގެ ހާލު އަދިވެސް ގޯސްކަމުން ބޭރަށް ގެންދިޔުމާ މެދު ގޮތެއް ނިންމާފައެއް ނުވެ އެވެ.
ކައްޕި އަކީ ރާއްޖޭގެ އެންމެ މޮޅު އެއް ޑިފެންޑަރެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ކުޅުންތެރިއާއެވެ. އޭނާ ވަނީ ސާފް ޗެމްޕިއަންޝިޕް، ސާފް ގޭމްސް، އަދި ވޯލްޑް ކަޕް ކޮލިފައިން ފަދަ ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އޭނާގެ ޑިފެންސިވް ކުޅަދާނަކަން އެންމެ ފާހަގަކޮށްލެވުނީ 1999 ވަނަ އަހަރު އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕާއި، ހަމަ އެ އަހަރު ބޭއްވި ސާފް ގޭމްސްއާއި، ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތުގައެވެ. މި ހުރިހާ މުބާރާތެއްގައި ވެސް ރާއްޖޭގެ ކެޕްޓަންކަން ކޮށްފައިވަނީ އޭނާ އެވެ.
ގައުމީ ޓީމުގެ އިތުރުން ވިކްޓަރީ ސްޕޯޓްސް ކްލަބުގައި ފާހަގަކޮށްލެވޭ ކެރިއަރެއް ހޭދަކުރި ކައްޕި އެޓިމާއި ގުޅުނީ 1992 ވަނަ އަހަރުއެވެ.
ކައްޕިގެ ހާލު ދެރަވުމާއި ގުޅިގެން ވިކްޓްރީން ވަނީ އެކަމިގެ ހިތާމަ ފާޅުކޮށް އެ ކުލަބުގެ ސޯޝަލްމީޑިއާ އޮފިޝަލް އެކައުންޓުގައި ހިތާމަ ފާޅުކޮށްފައިކަން ވެސް ފާހަގަ ކުރެވެއެވެ.