އޮޅުހިޔާގައި މިހާރު 30 ބުޅާ ބަލަހައްޓަމުން ދާކަމަށް ވުޒާރާއިން ހާމަކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 1 ދުވަސް ކުރިން - 17:28
އޮޅުހިޔާގައި އުޅޭ ބުޅާތަކެއް/ ފޮޓޯ : ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ
އޮޅުހިޔާގައި އުޅޭ ބުޅާތަކެއް/ ފޮޓޯ : ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ
ޚުލާސާ

ބުޅާތަކުގެ ރައްކާތެރިކަމަށްޓަކައި ކުރިން ހަރުކޮށްފައި ހުރި ދާގަނޑުގެ ތެރެއިން ކުދި ބުޅާތަކަށް ނިކުމެވޭތީ، އެކަން ހުއްޓުވުމަށްޓަކައި ކުރީގެ ދާގަނޑު މަތީގައި އިތުރު ދާގަނޑެއް ހަރުކުރެވިފައި.

އޮޅުހިޔާ ފެސިލިޓީގެ ދާގަނޑު އާކޮށް، މިހާރު އެތަނުގައި 30 ބުޅާ ބަލަހައްޓަމުން ދާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

އެ ވުޒާރާއިން ބުނީ، ކުރިން ހަރުކޮށްފައި ހުރި ދާގަނޑުގެ ތެރެއިން ކުދި ބުޅާތަކަށް ނިކުމެވޭތީ، އެކަން ހުއްޓުވުމަށްޓަކައި ކުރީގެ ދާގަނޑު މަތީގައި އިތުރު ދާގަނޑެއް ހަރުކުރެވިފައިވާކަމަށެވެ. މިކަމަކީ ބުޅާތަކުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް އެޅުނު ފިޔަވަޅެއްކަމަށް ވުޒާރާއިން ފާހަގަކުރިއެވެ.

ވުޒާރާއިން އިތުރަށް ބުނީ، އޮޅުހިޔާ ފެސިލިޓީއާ ރަސްމީކޮށް ހަވާލުވިތާ 24 ގަޑިއިރު ނުވަނީސް، ތަނަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށް ބުޅާތަކަށް ރައްކާތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ. މިކަން ހާސިލްކުރެވުނީ މިނިސްޓްރީގެ ޓާސްކް ފޯސްގެ ހުއްޓުމެއްނެތި ކުރި މަސައްކަތާއި، ހިތްވަރާއެކު އެއްބާރުލުން ދެއްވި އެންޖީއޯތަކުގެ މިންނެތް މަސައްކަތުގެ ސަބަބުން ކަމަށް ވުޒާރާއިން ބުންޏެވެ.

"އޮޅުހިޔާ" އަކީ މި ސަރުކާރުގެ އިސްނެގުމުގެ މަތިން މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފެސިލިޓީއެކެވެ. މި މަޝްރޫޢުގެ މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގައި ޕެޓް ކެއާގެ ހަރުދަނާ ގަވާއިދުތަކަކާއި އުސޫލުތަކެއް ތަންފީޒުކުރުން ހިމެނެއެވެ.

މި މަޝްރޫޢުއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެން ހިންގެވުމަށް މަސައްކަތްޕުޅު ކުރެއްވި މަޝްރޫޢެކެވެ. ނަމަވެސް އޭރުގެ ސަރުކާރުން އެއްބާރުލުން ނުދެއްވުމުން އެ މަޝްރޫޢު ކުރިއަށް ނުގެންދެވުނު ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އޮޅުހިޔާ މަޝްރޫޢު ޙަޤީޤަތަކަށް ހެދުމަށް މި މަސައްކަތަށް ޚާއްޞަ ސަމާލުކަމެއް ދީ، ރާއްޖޭގައި މިފަދަފަދަ ދިރޭތަކެތި ރައްކާތެރި ގޮތެއްގައި ބެލެހެއްޓުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ ނަމުގައި މިނިސްޓްރީއެއް ޤާއިމުކުރެވުނީ މި ސަރުކާރުގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%