ބޭރު ފައިސާ މާރުކުުރުމުގައި ސަމާލުވުމަށް ފުލުހުން އެދިއްޖެ

އަހްމަދު އީޒާން | 2 ދުވަސް ކުރިން - 18:51
މީހެއްގެ އަތުގައި ޑޮލަރުތަކެއް.
މީހެއްގެ އަތުގައި ޑޮލަރުތަކެއް.
ޚުލާސާ

ސައިބާ ކްރައިމް ޑިޕާޓްމަންޓުން ބުނީ ވައިބާ ހެކްކޮށްގެން ރަހުމަތްތެރިންނާއި ޢާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް.

ބޭރު ފައިސާ މާރުކުުރުމުގައި ސަމާލުވުމަށް ފުލުހުން އާންމުންނަށް މިއަދު އިލްތިމާސްކޮށްފިއެވެ.

ހޯމް މިނިސްޓްރީން "ސަރުކާރު" ވެބްސައިޓުގައި ބުނީ ފުލުހުންގެ ސައިބާ ކްރައިމް ޑިޕާޓްމަންޓުން ވަނީ ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކަކީ އެމްއެމްއޭގެ ހުއްދަ އޮވެގެން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިކުރާ ފަރާތެއްތޯ ކަށަވަރު ކުރުމަށް އެދިފައެވެ. އަދި ރަޖިސްޓާކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު އެމްއެމްއޭގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ވެސް ސައިބާ ކްރައިމް ޑިޕާޓްމަންޓުން ބުންޏެވެ.

ސައިބާ ކްރައިމް ޑިޕާޓްމަންޓުން ބުނީ ވައިބާ ހެކްކޮށްގެން ރަހުމަތްތެރިންނާއި ޢާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ފައިސާ ފޮނުވުމުގެ ކުރިން ކާކުތޯ ޔަގީންކުރުމަށާއި އަދި އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ވެސް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާ ހެކްކޮށްގެން ނުވަތަ އެކި މީހުންގެ ނަމުގައި ގުޅައިގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ފުލުހުން ވަނީ ވަރަށް ފަހުން ޤާއިމްކޮށްފައެވެ. ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހިންގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމާއި އެހެން އިދާރާތާކާއެކު ކުރަން ޖެހޭ މުއާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.

ފުލުހުން ބުނީ ކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓްކުރާ ހިސާބުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި އެ އިދާރާތަކުން ލިބެން ޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެންޓި ސްކޭމް ސެންޓަރުން ކަމަށެވެ.

ނޭޝަނަލް އިމަޖެންސީ ނަމްބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް [email protected] މެދުވެރިކޮށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މާލެ އާއި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ސެންޓަރުތަކަށް ވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެ ކަމަށް ފުލުހުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%