ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ފަޒީން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމް ހުސްވެފައިވާތީވެ، އެ މަޤާމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
ފަޒީން މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.
އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެބައޮތެވެ.
މި މަޤާމަށް ކުރިމަތިލެވޭނީ 18 އަހަރުވެފައިވާ ދިވެހިންގެ ތެރެއިން އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިނުވާ މީހުންނަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުންނަކީ ފަސް އަހަރުގެ ދައުރެކެވެ.
ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިގުރާރާއި ކުށާއި ދަރަނީގެ ރެކޯޑު ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުން ކަމަށާއި މި ފޯމުތަކާއި އިގުރާރު، ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ފަޒީން އެ މަގާމުން އިސްތިއުފާ ދެއްވީ ބްރޯޑްކޮމްގެ މުވައްޒަފަކަށް އޭނާ ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފެންމަތިވެ, އެ މައްސަލާގައި އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަމުން ދަނިކޮށެވެ. ފަޒީން ވަނީ އެ ތުހުމަތަށް އިންކާރު ކޮށްފަ އެވެ.