ގއ. ވިލިނގިއްޔަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ފުލުހުން އަތުލައިގަނެފި އެވެ.
ފުލުހުން މިއަދު ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ވިލިނގިލީގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނަކީ މާލެއިން ފުރައިގެން ވިލިނގިއްޔަށް ދަތުރުކުރި ބޯޓަކުން ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި އެ ބޯޓު ވިލިނގިލީ ބަނދަރާ ގާތްކުރުމުން ކޯޓު އަމުރެއްގެ ދަށުން އެ ބޯޓު ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.