ހުޅުމާލެއިން ބަނގުރަލާ އެކު ދެ ބިދޭސީއަކު ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ބަނގުރާ ދަޅުތަކެއް ގެންގުޅުނު މައްސަލައެއްގެ ތުހުމަތުގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނޭޕާލު މީހެއް ކަމަށްވާ ޓަކް ބަހާދުރު ރިލަމީ، ނޭޕާލް 34 އާއި ބަންގުލަދޭޝް މީހެއް ކަމަށްވާ ބަހާރު އުދީން، 34 ކަމަށެވެ.
މި ދެ މީހުންނަކީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރޭ 22:00 ހާއިރު ޕެޓްރޯލް ކުރަމުންދިޔައިރު، ރީތިގަސް މަގު ބުރިޖު ދަށުން ޑިންގީއަކުން ފޭބި ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ.
"ފޮށިގަނޑެއް ހިފައިގެން ޑިންގީން މި ދެ މީހުން ފޭބި ވަގުތު ފުލުހުން ފެނުމުން އެ ތަނުން އެކަކު ފިލަން މަސައްކަތްކޮށްފައިވެ އެވެ," ފުލުހުންގެ ވެބްސައިޓުގައި ބުންޏެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުން ގެންގުޅުނު ފޮށިގަނޑު ބަލައިފާސްކުރި އިރު 72 ދަޅު ބަނގުރާ ފެނިފައިވާ ކަމަށެވެ.