ގދ. ގައްދޫގައި އައިޑީކާޑު ހެދޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފި އެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގައްދޫގައި އައިޑީކާޑު ޕްރިންޓް ކުރެވޭ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ގައްދޫ ކައުންސިލުން މިހާރު ލިބޭނެ ކަމަށް އެ ޕޯސްޓުގައި ބުންޏެވެ.
މިއީ މާލެއިން ބޭރުން އައިޑީކާޑު ޕްރިންޓްކޮށް، ދޫކުރުމުގެ ހިދުމަތް ދޭ 15 ވަނަ ރަށް ކަމަށް ވެސް ޑީއެންއާރުން ބުންޏެވެ.
އައިޑީކާޑު ޕްރިންޓްކޮށް، ދޫކުރުމުގެ ހިދުމަތް މިދިޔަ އަހަރު އެންމެ ފުރަތަމަ ފެށީ ގއ. ވިލިގިނލިންނެވެ. މިހާރު އެ އަތޮޅުގެ ހުރިހާ ރަށަކަށް އަތޮޅު ކައުންސިލް މެދުވެރިކޮށް މި ހިދުމަތް އަންނަނީ ދެމުންނެވެ.
އައިޑީކާޑާއި ޕާސްޕޯޓް ހެދުމަށް ކޮންމެ ފަހަރަކު މާލެ އަންނަން ނުޖެހޭ ގޮތަށް، ރައްޔިތުންނަށް ލުއިފަސޭހަކަމާ އެކު އެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީކާޑުގެ ހިދުމަތް ދިނުމެވެ.