ފިޠުރު ޢީދާއި ގުޅުވައިގެން ބޭއްވި "ޢީދު ހަވީރު" މިއަދު ނިންމާލައިފިއެވެ.
މި ހަރަކާތަށް އެތައް ސަތޭކަ ބަޔަކު ޒިޔާރަތްކޮށްފައިވެއެވެ.
ފިޠުރު ޢީދު ދުވަސް ހިމެނޭހެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ހަރަކާތް ބޭއްވީ ޖުމްހޫރީ މައިދާނާއި، ޝަހީދުންގެ ބިނާ ސަރަޙައްދުގެ އިތުރުން ސަލްޓަން ޕާކުގައެވެ. މިއީ ފަހުގެ ތާރީޚެއްގައި މާލޭގައި ފިޠުރު ޢީދެއް މިހާ ކުލަގަދަކޮށް ފާހަގަކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ޤައުމީ ދިފާޢީ ބާރުން އިސްނަގައިގެން ސަރުކާރުގެ ބައެއް މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދިޔަ މި ހަރަކާތުގައި އެކި އުމުރުފުރާގެ ކުދިންނާއި މީހުންވެސް ޝަޢުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާއި ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ކުރީގެ ސަޤާފަތް ދައްކާލުމާއި، ކުރީ ޒަމާނުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ހިމެނެއެވެ. އަދި ކުޑަކުދިންނާ ގުޅޭ ޒަމާނީ ކެރެކްޓަރތައްވެސް ދައްކާލާފައިވެއެވެ.
މީގެ އިތުރުން، ޤައުމީ ދިފާޢީ ބާރާއި ފުލުހުންގެ ޚިދުމަތުގައި ގެންގުޅޭ އުޅަނދުތަކާއި އާލާތްތައް ދައްކާލުމާއެކު، އާންމުންނަށް އެތަކެތި ތަޖުރިބާކުރުމުގެ ފުރުޞަތުވެސް ފަހިކޮށްދީފައިވެއެވެ.
ފިޠުރު ޢީދު ދުވަހުގެ ޢީދު ހަވީރުގައި ރައީސުލްޖުމްހޫރިއްޔާގެ ޢާއިލާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.