މެލޭޝިޔާގެ ސެލަންގަރ ސްޓޭޓުގެ ޕުޗޮންގްގައި، ދައުލަތުގެ ހަކަތަ އުފައްދާ ކުންފުނި ޕެޓްރޯނަސްގެ ގޭސް ހޮޅިއެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް 63 މީހުންނަށް ފަރުވާދެމުންދާ ކަމަށް މެލޭޝިޔާގެ ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.
މި ހާދިސާގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ މީހުންގެ ތެރޭގައި އަލިފާނުގައި ފިހުނު މީހުންނާއި ދުމުގެ އަސަރުކުރި މީހުން ހިމެނޭ ކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފައިވެއެވެ. ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވެފައިވާކަމަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.
މެލޭޝިޔާގެ ފަޔަރ ޑިޕާޓްމަންޓުން ބުނާ ގޮތުގައި، ގާތްގަނޑަކަށް 1،640 ފޫޓުގެ ދިގުމިނުގެ އެ ގޭސް ހޮޅި ބަންދުކޮށް، އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދެއެވެ. އަދި މި ހާދިސާގައި 49 ގޭބީސީއަކަށް އަސަރުކޮށްފައިވާ ކަމަށާއި، އެ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެ ޑިޕާޓްމަންޓުން މަޢުލޫމާތު ދީފައިވެއެވެ.
މި ހާދިސާ ހިނގި ސަބަބު އަދި ދެނެގަނެވިފައި ނުވާކަމަށް ސަރުކާރުން ބުނެފައިވާއިރު، ހާދިސާ ހިނގި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މެލޭޝިއާ ސަރުކާރުން ހާމަކޮށްފައިވެއެވެ.