މި އަހަރުގެ ފިޠުރު ޢީދު ދުވަހާއި މެދު އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެ، ރައްޔިތުން ވާނުވާގައި ޖެހިއްޖެއެވެ.
ފަލަކީ ޢިލްމުގައި ޒަމާނުއްސުރެ ދިވެހިން އެ ބޭކަލަކަށް ބުރަވާ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވަނީ މިފަހަރުގެ ފިޠުރު ޢީދު ދުވަހަކީ މި ހިނގާ މާރިޗު 30 ވާ އާދީއްތަ ދުވަސް ކަމަށް ވަރަށް ބޮޑަށް ޔަޤީންކުރެވޭ ކަމަށެވެ. އެހެންނަމަވެސް، ގައުމީ ޔުނިވާސިޓީގެ ޗާންސެލަރުކަން ކުުރައްވާފައިވާ ޑރ. ހަސަން ހަމީދު ވިދާޅުވަނީ ޢީދު ދުވަހަކީ އާދީއްތަ ދުވަސް ނޫން ކަމަށެވެ. އޭނާ ވިދާލުވާ ގޮތުން މިފަހަރުގެ ޢީދަށް ވާނީ މާރިޗު 31 ވާ ހޯމަ ދުވަހެވެ.
ފަހަކަށް އައިސް ދުނިޔޭގެ އެކި ގައުމުތަކުގައި އިލްމުވެރިންގެ މެދުގައިވެސް ފިކުރު ތަފާތުވެ، އެއް އިލްމުވެރިޔަކު އަނެއް އިލްމުވެރިޔާއަށް ގޮންޖަހާ މަންޒަރު ފެންނަމުންދާކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ބައެއް އިސްލާމީ ގައުމުތަކުގައި ހިޔާލު ތަފާތުވެ، އަރައިރުންވުމާއި އެއްބަޔަކު އަނެއްބަޔަކާ ދެކޮޅުވުމުގެ ހާދިސާތައް ހިނގާފައިވެއެވެ. ބައެއް ޤައުމުތަކުގައި އިލްމުވެރިންނަށް ހަޖޫޖެހުމުގެ ކަންތައްތައްވެސް ހިނގާފައިވާކަން ފާހަގަކުރެވެއެވެ.
ރައީސް މައުމޫނުގެ ވާހަކަފުޅުތަކަށް ބަލާއިރު، އެމަނިކުފާނަކީ ފަލަކީ އިލްމަށް މޮޅު ބޭފުޅެއްކަން ފާހަގަކުރެވެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ސަޢޫދީ ޢަރަބިއްޔާ، މިޞުރު، ތުރުކީ އަދި މޮރޮކޯ ފަދަ އިސްލާމީ ޤައުމުތަކުގައި މާރިޗު 29 ވަނަ ދުވަހު އިރުއޮއްސުމަށްފަހު ހަނދު ނޯއްސި ވަގުތުތަކެއް ވަންދެން ހުންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ކަމަށެވެ. އެގޮތުން ހަނދު ނޯއްސި 8 މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެކަމަށް ފަލަކީ ހިސާބުން ދައްކާތީ، ޖެހިގެން އަންނަ ދުވަހަކީ (މާރިޗު 30 ވާ އާދީއްތަ ދުވަހަކީ) މިއަހަރުގެ ފިޠުރު ޢީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަޤީން ކުރެވޭ ކަމަށް މައުމޫން ވިދާޅުވެއެވެ.
މުސްލިމު ޤައުމުތަކުގެ ތެރެއިން ޚާއްޞަކޮށް ސަޢޫދީ ޢަރަބިއްޔާގައިވެސް ޢީދު ދުވަހަކީ މާރިޗު 30 ވަނަ ދުވަސްކަމަށް ބެލެވޭތީ، ގިނަ ބަޔަކު ރައީސް މައުމޫނުގެ ވާހަކަފުޅުތަކަށް ބުރަވާކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް، ޑރ. ހަސަން ހަމީދުގެ ވިދާޅުވުމަށް ތާއީދުކުރާ ބަޔަކުވެސް އުޅޭކަން ފާހަގަކުރެވެއެވެ.
މި ދެބޭފުޅުން ދެގޮތަށް ވިދާޅުވާތީ ޢީދު ދުވަހަކީ ކޮން ދުވަހެއްކަމެއް ނޭނގި ތިބި ބަޔަކު ވެސް ވަރަށް ގިނައެވެ. އެއްބަޔަކު ބުނަނީ މާރިޗް 30 ވަނަ ދުވަހަކީ ޢީދު ރޯދަ ކަމަށް ބަލައި އެދުވަހު ރޯދަ ހިފަންވީ ތޯއެވެ.
މާރިޗް 30 ވަނަ ދުވަހަކީ ޢީދު ދުވަސް ކަމަށް ވާނަމަ ޑރ. ޙަސަން ޙަމީދުގެ ރަޢުޔަށް ބަލައި ހޯމަ ދުވަހަކީ ޢީދު ކަމަށް ނިންމައިފިނަމަ އާދީއްތަ ދުވަހު ރޯދައަށް ހުރުން ޙަރާމް ވާނެއެވެ. އެހެންކަމުން ރައްޔިތުން ތިބީ ވާނުވާގައެވެ.