ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ (ވީއައިއޭ) ޑިއުޓީ ފްރީ ފިހާރައިން ގަވާއިދާ ޚިލާފަށް ސިނގިރޭޓް ބޭރުކުރި މައްސަލައިގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، ގަސްކަރަ، މުހައްމަދު އައިހަމް (23 އަހަރު) އެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އައިހަމް ހައްޔަރުކޮށްފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭގައި ކޯޓު އަމުރެއްގެ ދަށުންނެވެ. މި މައްސަލަ ހިނގާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގެ 15:55 ހާއިރު ވީއައިއޭގެ ޑިއުޓީ ފްރީ ފިހާރައިންނެވެ.
މި މައްސަލައިގައި އައިހަމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. ފުލުހުން ވިދާޅުވެފައިވަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން، މި ހަފުތާގެ ތެރޭގައި ވީއައިއޭގައި ހިނގި އިތުރު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި މައްސަލަ ހިނގާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 6:20 ހާއިރު، ވީއައިއޭގެ ޑިޕާޗަރ ހޯލުންނެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އަޙްމަދު ފައިސަލް (45 އަހަރު) އާއި ޔޫސުފް ނަޛީރު (38 އަހަރު) އެވެ.
ފުލުހުން ވިދާޅުވެފައިވާ ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ޑަސްބިން ކޮތަޅުތަކަކަށް ސިނގިރޭޓް ކާޓަންތަކެއް އަޅައިގެން ބޭރުކުރަނިކޮށެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ފުލުހެއްވެސް ހިމެނެއެވެ. މި ފުލުސް މީހާ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން މުސާރަ ނުލިބޭގޮތަށް ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މި ދެ މައްސަލައަކީވެސް ފުލުހުން އިތުރަށް ތަޙުޤީޤުކުރަމުންދާ މައްސަލަތަކެއްކަން ފާހަގަކުރެވެއެވެ.