ރަތްކަނޑުގެ އައްސޭރީގައި ފަތުރުވެރިން ގޮވައިގެން ދަތުރުކުރި މިސްރުގެ ސަބްމެރިނެއް ފެތުމުގެ ސަބަބުން މަދުވެގެން 6 މީހުން މަރުވެ، 9 މީހުންނަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ޚަބަރު ލިބެއެވެ.
މިއަދު ރެޑްސީގެ އައްސޭރިފަށުގައި ފެތުނު ސަބްމެރިން.
ޚަބަރުތައް ބުނާ ގޮތުގައި މި ސަބްމެރިންގައި ތިބީ 45 ފަތުރުވެރިންނާއި ފަޅުވެރިން ކަމަށާއި. މީގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.
ސަބްމެރިން ފެތުނު ސަބަބު އަދި ސާފުވެފައި ނުވާއިރު އެ ސަބްމެރިންގައި ދަތުރުކުރި ފަތުރުވެރިންނަކީ ރަޝިއާގެ ރައްޔިތުންކަން ރަޝިއާ އެމްބަސީން ބުނެއެވެ.
މި ސަބްމެރިން ފެތުނު ސަރަހައްދަކީ ރެޑް ސީ ސަރަހައްދުގެ އެންމެ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލުތަކުގެ ތެރެއިން އެއް މަންޒިލެވެ. މި ސަރަހައްދަށް ކޮންމެ އަހަރަކު ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރެއެވެ.