ރައްޔިތުންނަށް ދީނީ ކަންކަމުގައި މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 3 ދުވަސް ކުރިން - 14:59
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވާހަކަފުޅުދައްވަނީ/ ފޮޓޯ: ރައީސް އޮފީސް
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވާހަކަފުޅުދައްވަނީ/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ސަރުކާރުން ދަނީ ދީނީ ކަންކަމަށް މުޅި ރާއްޖޭގެ އެންމެހާ ރައްޔިތުން މިހާރަށްވުރެ ބޮޑަށް ލޯބިޖައްސައި އަހުލުވެރިކުރުވުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަމުންކަމަށް ރައީސް ވިދާޅުވި

އިސްލާމްދީނުގައި ސަވާބާއި ދަރުމަ ހޯދުމަށް ހުންނަ ކަންކަމަށް ރައްޔިތުންނަށް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް އަދި ފަޚުރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ރަމަޟާން މަހުގެ ފަހު ދިހައެއް ސަރުކާރުން ބަންދުކުރެއްވީ، އިސްލާމްދީނުގައި ސަވާބާއި ދަރުމަ ހޯދުމަށް ހުންނަ ކަންކަމަށް ރައްޔިތުންނަށް މަގުފަހިކޮށްދިނުމަށެވެ. އަދި ސަތޭކަ ޕަސެންޓް މުސްލިމު ޤައުމެއްގެ ހައިސިއްޔަތުން، ޚާއްޞަކޮށް ރަމަޟާން މަހު، ސަރުކާރުން ރައްޔިތުންނަށް ވީހާވެސް ބޮޑަށް ކަންކަން ފަހިކޮށްދީ ލުއިކޮށްދިނުމަށް އިސްކަންދޭންޖެހޭކަމަށް އެމަނިކުފާނު ޤަބޫލުފުޅުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ރަމަޟާން މަހާ ގުޅިގެން ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، މިދިޔަ އަހަރާއި މި އަހަރުވެސް ކަރަންޓާއި ފެން ބިލުން ޚާއްޞަ ލުއިތަކެއް ދެއްވާފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިދިޔަ އަހަރު ކޮންމެ ގޭބިސީއަކަށް ހަނޑޫ ބަސްތާއެއް ދެއްވުމަށާއި މި އަހަރު މަސްދަޅު ކޭސް ދެއްވުމަށް މަސައްކަތް ކުރެއްވިކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަމަޟާން މަހަށްފަހު އަންނަ އީދު ބަންދާ ގުޅިގެން، މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކޮށްދިނުމަކީ ވެސް ސަރުކާރުގެ ޒިންމާއެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އީދުގެ ދިއްލުންތައް ދިއްލުމުގެ ސަބަބުން، ޚާއްޞަކޮށް ކުޑަކުދިންގެ ހިތުގައި އިސްލާމްދީނަށް ލޯބި ޖެހި، ދީނުގެ ކަންކަން އުނގެނުމަށް ބާރުއެޅިގެންދާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން ދަނީ ދީނީ ކަންކަމަށް މުޅި ރާއްޖޭގެ އެންމެހާ ރައްޔިތުން މިހާރަށްވުރެ ބޮޑަށް ލޯބިޖައްސައި އަހުލުވެރިކުރުވުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަމުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ރަމަޟާން މަހު ސްކޫލްތައް ބަންދުކުރެއްވުމަށާއި، ބާޒާރުގެ ތަކެތީގެ އަގު މާ މަތިވިޔަ ނުދީ އެއް ހަމައެއްގައި ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%