ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން 550 އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތް ފެށިގެން ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންނާ ގާތުން މައުލޫމާތުތައް ހިއްސާކުރެއްވުމަށް ފައްޓަވާފައިވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މުޅި ރާއްޖެ ޝާމިލުވާގޮތަށް ކުރިއަށް އޮތް ދުވަސްތަކުގައި މަޝްރޫއުތައް ކުރިއަށްގެންދެވޭނެ ކަމަށެވެ. އެގޮތުން، މިހާރުވެސް މަޝްރޫއުތައް އެކި ފަރާތްތަކާ ހަވާލުކުރެވެމުންދާއިރު 550އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތް ފެށިގެން ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ވަރަށް ބާރަށް އެ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްދާނެ. އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ފެނިގެންދާނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން އަޅުގަނޑުމެން އިގްތިސާދު މެނޭޖްކުރަމުން، ރައްޔިތުންނަށް މިކަންކަމުގައި ލުއިތައް ދެމުން ކޮށްދެމުންދާތަން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ދެއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރެވޭނެ ކަމަށެވެ. އަދި ކުޅިވަރުގެ ވަސީލަތްތައް ހިމެނޭހެން ކޮންމެ ރަށެއްގައިވެސް މިދެއަހަރު ދުވަހުގެ ތެރޭގައި ފިޓްނަސް ސެންޓަރު ތަރައްގީ ކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތް ހަމަޖެހުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަންވެސް ހައްލު ކުރެވޭނެ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުން އެސްޓޯއޯއިން ވިއްކާ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަހަރާއި އަންނަ އަހަރު ވެގެންދާނީ ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފެށިގެން ކުރިއަށްދާނެ ދެ އަހަރަށް ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެކަމަށް މިއަހަރުގެ ބަޖެޓުގައިވެސް ބޮޑު ބައެއް ވަނީ ހާއްސަކޮށްފައެވެ.