ބޭރު ފައިސާ މާރުކުރުމުގެ ޤާނޫނުގެ ދަށުން މިހާތަނަށް 150 މިލިޔަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ހާމަކުރެއްވީ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށީ މި އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން ބޭރު ފައިސާގެ އާމްދަނީ ލިބޭ ވިޔަފާރިތަކުން އެ ފަރާތްތަކަށް ލިބޭ އާމްދަނީ ބޭންކުތަކަށް މާރުކުރަން ޖެހެއެވެ.
ރައީސް ވިދާޅުވީ މިހާރު 95 ޕަސަންޓް ވިޔަފާރިތަކުން ޤާނޫނާ އެއްގޮތަށް ފައިސާ މާރުކުރަމުންދާކަމަށެވެ. އަދި ބާކީ ފަސްޕަސަންޓް ވެސް ޤާނޫނުގެ ތެރެއަށް ވައްދައި، ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރަމުންދާ ކަމަށެވެ.
މި ބަދަލާއި ގުޅިގެން ރައްޔިތުންނަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި:
- ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ބޭންކު ރޭޓުގައި ދޫކުރާ ޑޮލަރުގެ އަދަދު 500 އިން 1000 އަށް އިތުރުކުރުން
- ކްރެޑިޓް ކާޑުގެ ލިމިޓް ދެގުނައަށް ބޮޑުކުރުން
- ޓީ.ޓީ ހެދުމުގެ ފުރުޞަތު ފުޅާވެގެން ދިއުން
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ މި ބަދަލާއި ގުޅިގެން ކުރިއަށް އޮތްތަނުގައި ޑޮލަރުގެ އަގު ތިރިވެ، ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަތުން މަދުވެގެންދާނެކަމަށެވެ. އަދި މިއީ އެންމެހާ ރައްޔިތުންނަށް ފައިދާވާނެ، ކުރިއެރުން ލިބޭނެ ކަމެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.