އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ދެމުން ގެންދަނިކޮށް، ފަރުބަދަތަކުގެ އަޑީގައި ހަދާފައިވާ ހަތިޔާރުގެ ބިންގަރާސް ސިޓީއެއްގެ ފޮޓޯތަކާއި ވީޑިއޯތައް އީރާން ސަރުކާރުން ދައްކާލައިފިއެވެ.
މި ބިންގަރާސް ސިޓީ ހުރި ސަރަހައްދެއް ހާމަކޮށްފައި ނުވިނަމަވެސް، އެތަނުގައި ވަރަށް ޕިންޕޮއިންޓް އެކިއުރެސީގައި އަމާޒަށް ވާސިލުވާ މަތީ ފެންވަރުގެ ޓެކްނޮލޮޖީގެ އެތައް ހާސް މިސައިލެއް ހުރިކަން ދައްކާލާފައިވެއެވެ.
އީރާނުން ދައްކާލި ހަތިޔާރުގެ ބިންގަރާސް ސިޓީގައި އަސްކަރީ އުޅަނދެއް ދަތުރުކޮށްފައިދަނީ: ރިޕޯޓުތަކުން ދައްކާގޮތުގައި މި ބިންގަރާސް ސިޓީއަކީ ފަރުބަދަތަކެއްގެ އަޑީގައި ވަރަށް ފުނުގައި ހަދާފައިވާ އަސްކަރީ ސިޓީއެއް
އެތައް ކިލޯމީޓަރަކަށް ދެމިގެންދާ މި ސިޓީގައި ދުރު، މެދު އަދި ކުރު ރާސްތާގެ ބެލިސްޓިކް މިސައިލްތަކާއި، ކްރޫޒް މިސައިލްތަކާއި، ސިފައިން ތިބޭނެ ތަންތަނާއި ކޮމާންޑް ސެންޓަރުތަކުގެ އިތުރުން ހަތިޔާރު އުފައްދާ ކާރުޚާނާތައް ވެސް ހުރެއެވެ.
އީރާނުން ދައްކާލި ހަތިޔާރުގެ ބިންގަރާސް ސިޓީގައި ހަތިޔާރުތަކެއް އަތުރާލާފައި: މިއީ އެތައް ސަތޭކަ ކިލޯމީޓަރުގެ ބޮޑު ސިޓީއެއް ކަމަށް އީރާނުން ބުނޭ.
ތަޖުރިބާކާރުން ފާހަގަކުރާގޮތުގުރާގޮތުގައި އީރާނުގެ ބޮޑުބައެއް އެކުލެވިގެންވަނީ ފަރުބަދަތަކުގެ މައްޗަށެވެ. އެހެންކަމުން، އީރާނުގެ ނިއުކްލިއާ ހައްސާސް މަރުކަޒުތަކާއި އެކި ބާވަތުގެ މިސައިލްތަކުގެ ސްޓްރެޓީޖިކް ސްޓޮކްތައް ބިނާކޮށްފައިވަނީ މި ފަރުބަދަތަކުގެ އަޑީގައެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ދެމުން ގެންދާތާ 20 އަށްވުރެ ގިނަ އަހަރު ވެފައިވީނަމަވެސް، އެކަން ކުރަން ނުކެރި ތިބުމުގެ އެއް ސަބަބަކީ އީރާނުގެ މި ފަރުބަދަތަކުގެ ސަބަބުން، ހަމަލާތައް ނާކާމިޔާބުވެދާނެކަމުގެ ބިރުކަމަށް ބެލެވެއެވެ.
އީރާނުހެ ހަތިޔާރުގެ ބިންގަރާސް ސިޓީގައި މިސައިލްތައް އަތުރާލާފައި: އީރާނުން ބުނީ އެގައުމުން އިސްވެ އެއްވެސް ބަޔަކަށް ހަމަލާ ނުދޭނެ ކަމަށް.
އީރާނަށް ހަމަލާދީފިނަމަ، އޭގެ ރައްދުގައި އީރާނުން ދޭނެ ޖަވާބަކުން ގަލްފުގެ ތެލުގެ ސަޕްލައިއާއި އާގުބޯޓުފަހަރުގެ ހަރަކާތްތައް ހުއްޓި، ދުނިޔޭގެ އިޤްތިޞާދަށް ބޮޑު ލޮޅުމެއް އަރާނެކަމުގެ ބިރު އޮތްކަމަށްވެސް ބެލެވެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ އީރާނުން އިސްވެ އެއްވެސް ގައުމަކަށް ހަމަލާއެއް ނުދޭނެ ކަމަށެވެ. ނަމަވެސް އެއްވެސް ގައުމަކުން އީރާނަށް އިސްވެ ހަމަލާދީ ހަނގުރާމަ ފަށައިފިނަމަ، އީރާނުންވެސް އަމިއްލަ ނަފްސު ދިފާޢުކުރުމުގެ ގޮތުން ހަނގުރާމަ ކުރާނެ ކަމަށެވެ.