ފަހަކަށް އައިސް ފްލައިޓުތަކުގައި ހިނގާފައިވާ ޕަވާ ބޭންކާ ގުޅުންހުރި އަލިފާނުގެ ހާދިސާތަކާ ގުޅިގެން، އޭޝިއާގެ ގިނަ އެއާލައިންތަކަކުން ރައްކާތެރިކަން ކަށަވަރުކުރުމަށަޓަކައި އައު ގަވާއިދުތަކެއް ތަޢާރަފުކޮށްފިއެވެ.
އަންނަ މަހުގެ 1 (އޭޕްރިލް 1 ) އިން ފެށިގެން، އެއާ އޭޝިއާއިން ފްލައިޓުތަކުގައި ޕަވާ ބޭންކް ބޭނުންކުރުމާއި ޗާޖުކުރުން މަނާކުރާނެއެވެ. ދަތުރުވެރިންނަށް ގެންދެވޭނީ ގިނަވެގެން ފަސް ޕަވާ ބޭންކެވެ. އަދި މި ޕަވާ ބޭންކްތަކުގެ ކެޕޭސިޓީ 100 ވޮޓް-އަވަރ (ޑަބްލިއުއެޗް) ނުވަތަ 20,000 މިލިއެމްޕިއަވަރ (އެމްއޭއެޗް) އަށްވުރެ ބޮޑުވެގެން ނުވާނެއެވެ. 100 ޑަބްލިއުއެޗް އާއި 160 ޑަބްލިއުއެޗް އާ ދެމެދުގެ ޑިވައިސްތައް ގެންދިއުމަށް އެއާލައިންގެ ކުރިން ހުއްދަ ހޯދަންޖެހޭނެއެވެ.
ހަމައެހެންމެ، ސިންގަޕޯ އެއާލައިންސް އާއި އޭގެ ސަބްސިޑިއަރީ ސްކޫޓުން ވެސް 2025 ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ފްލައިޓުތަކުގައި ޕަވާ ބޭންކް ޗާޖުކުރުން މަނާކުރާނެއެވެ. އީވީއޭ އެއާ، ޗައިނާ އެއާލައިންސް، ތައި އެއާވޭސް އަދި މެލޭޝިއަން އެއާ އޭޝިއާ ފަދަ އެހެން އެއާލައިންތަކުން ވެސް މިފަދަ ހަރުކަށި ގަވާއިދުތަކެއް ތަޢާރަފުކޮށްފައިވެއެވެ.
މި ފިޔަވަޅުތައް އަޅަން ޖެހުނީ މިދިޔަ ޖެނުއަރީ މަހު ދެކުނު ކޮރެއާގެ އެއާ ބުސަން ފްލައިޓް 391 ގައި ހިނގި އަލިފާނުގެ ހާދިސާ ފަދަ ކަންތައްތަކާއި ގުޅިގެންނެވެ. އެ ހާދިސާގައި ޕަސެންޖަރު ކެބިންގައި ހުރި ޕަވާ ބޭންކަކުން އަލިފާން ރޯވެފައި ވެއެވެ. ތަޙުޤީޤުތަކުން ދައްކާ ގޮތުގައި މި ހާދިސާ ހިނގީ އާންމުކޮށް ބޭނުންކުރާ ލިތިއަމް އަޔޯން ބެޓެރީ ޕަވާ ބޭންކަކުންނެވެ.
އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 20 އަހަރުގެ ތެރޭގައި ލިތިއަމް އަޔޯން ބެޓެރިތަކާ ގުޅުންހުރި 500 އަށްވުރެ ގިނަ ހާދިސާ ފްލައިޓުތަކުގައި ހިނގާފައިވެއެވެ.