ޝައްމާނުގެ ބަންދު މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ހުސައިން އިސްމާއިލް | 32 ދުވަސް ކުރިން - 27 މާރިޗް 2025 11:55
ޝައްމާން ވަޙީދު: ފުލުހުން ކުރާ ތުހުމަތުތަކަށް ޝައްމާން އިންކާރުކުރާ ކަމަށް ޝައްމާނުގެ ޢާއިލާއިން ބުނޭ.
ޝައްމާން ވަޙީދު: ފުލުހުން ކުރާ ތުހުމަތުތަކަށް ޝައްމާން އިންކާރުކުރާ ކަމަށް ޝައްމާނުގެ ޢާއިލާއިން ބުނޭ.
ޚުލާސާ

ފުލުހުންގެ ތަޙުޤީޤުގައި ޝަމްއާންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަށް ބާރުދޭ ހެކިތަކެއް ފެނިފައިވާކަމަށް ފުލުހުން ބުނޭ. ޝައްމާނުގެ ޢާއިލާއިން އެ ތުހުމަތުތައް ދޮގުކުރޭ.

ކޮރަޕްޝަންގެ ތުހުމަތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކޮށްފައިވާ މުހައްމަދު ޝަމްއާން ވަހީދުގެ ބަންދު މައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުން ޝަމްއާންގެ ބަންދަށް 15 ދުވަސް ޖެހުމާއި ގުޅިގެން އިސްތިއުނާފް ކޮށްފައިވާއިރު، އޭނާ ހައްޔަރުކުރީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން އަންނަކަމަށް ތުހުމަތުކުރެވިގެންނެވެ.

ފުލުހުންގެ ތަޙުޤީޤުގައި ޝަމްއާންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަށް ބާރުދޭ ހެކިތަކެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރޭގައި ޝަމްއާންގެ ގެއިން ފެނުނު ބައިމިލިއަނެއްހައި ރުފިޔާގެ ނަގުދު ފައިސާ ހިމެނެއެވެ. މި ފައިސާއަކީ އޭނާގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާކަމަށް ފުލުހުން ތުހުމަތުކުރެއެވެ.

ނަމަވެސް ޝައްމާނުގެ ޢާއިލާއިން ބުނީ އެފައިސާއަކީ ފުލުހުން ކުރާ ތުހުމަތާއި އެއްވެސް ގުޅުމެއްވާ ފައިސާއެއް ނޫނެވެ.

މި މައްސަލައިގައި ޝަމްއާންގެ އިތުރުން އިތުރު ހަތަރު މީހަކު ވެސް ހައްޔަރުކޮށްފައިވެއެވެ. އެއީ މުޙައްމަދު އަލްސަން އިސްމާއިލް (21 އަހަރު، ތ. ބުރުނި)، އިބްރާހިމް އަޙްމަދު (37 އަހަރު، ގ. ހެޕީސައިޑް)، ހަސަން ސަހެޝާން (47 އަހަރު، ގ. ހެޕީސައިޑް) އަދި އަހްމަދު ލައްސާނު (40 އަހަރު، މ. ހަޒާރީވިލާ) އެވެ.

މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާއިރު، ޝަމްއާންގެ ގެ ބަލައި ފާސްކޮށް، އޭނާގެ އަނބިކަނބަލުންގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓާފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%