27 ވިލޭރޭ ޙަރަމްފުޅުގައި ދެމިލިއަނަށްވުރެ ގިނަ މުސްލިމުން އަޅުކަން ކޮށްފި

ޖަވާދު | 3 ދުވަސް ކުރިން - 11:37
27ވިލޭރޭ މުސްލިމުން އަޅުކަމުގައި: މައްކާގެ ޙަރަމްފުޅުގައި ރޭ ދެމިލިއަނަށްވުރެ ގިނަ މުސްލިމުން ނަމާދުކުރި / ފޮޓޯ: ސައޫދީ ގެޒެޓް
27ވިލޭރޭ މުސްލިމުން އަޅުކަމުގައި: މައްކާގެ ޙަރަމްފުޅުގައި ރޭ ދެމިލިއަނަށްވުރެ ގިނަ މުސްލިމުން ނަމާދުކުރި / ފޮޓޯ: ސައޫދީ ގެޒެޓް
ޚުލާސާ

ރޭ 3 މިލިއަނަށްވުރެ ގިނަ މުސްލިމުން އިޝާ ނަމާދާއި ތަރާވީޙް އަދި ޤިޔާމުއްލައިލް ނަމާދުތަކުގައި މައްކާއާއި މަދީނާގެ ބަރަކާތްތެރި މިސްކިތްތަކުގައި ކުރެއްވި އަޅުކަމުގައި ބައިވެރިވި.

ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭ، މައްކާގެ މަސްޖިދުލް ޙަރާމާއި މަދީނާގެ މަސްޖިދުއް ނަބަވީގައި ގާތްގަނޑަކަށް 3 މިލިއަނަށްވުރެ ގިނަ މުސްލިމުން އިޝާ ނަމާދާއި ތަރާވީޙް އަދި ޤިޔާމުއްލައިލް ނަމާދުތަކުގައި ބައިވެރިވެފައިވާ ކަމަށް ސައުދީ ރަސްމީ އިދާރާތަކުން ބުނެފިއެވެ. މި ރެއަކީ ގިނަ މުސްލިމުން ޤަބޫލުކުރާ ގޮތުގައި ލައިލަތުލް ޤަދުރި ވިލޭރެއަށްވުމުގެ ފުރުސަތު ބޮޑު ރެއެކެވެ.

ސައުދީ ގެޒެޓްގައި ބަޔާންކޮށްފައިވާ ގޮތުގައި ދެ މިސްކިތުގެ ހުރިހާ ފަންގިފިލާތަކާއި ގޯތިތެރެ އަދި ވަށައިގެންވާ މަގުތަކާއި ސަރަޙައްދު ވެސް ވަނީ ފުރިފައި ކަމަށާއި ގިނަ އަދަދެއްގެ މުއުމިނުން ވަނީ ދުޢާކުރުމާއި ޒިކުރުކުރުމުގައި ވަގުތު ހޭދަކޮށްފައެވެ. އަދި މާތްﷲގެ ޙަޟްރަތުން ފާފަފުއްސެވުމަށާއި އަނިޔާވެރި ކާފަރުންގެ ކިބައިން އިސްލާމީ އުންމަތް، ޚާއްޞަކޮށް ފަލަސްތީނުގެ ރައްޔިތުން ސަލާމަތްކޮށްދެއްވުމަށް އެދި ދުޢާކޮށްފައިވެއެވެ.

ދެ ޙަރަމްފުޅުގެ ކަންތައްތައް ބަލަހައްޓާ އޮތޯރިޓީގެ ވެރިޔާ ޝައިޚް ޢަބްދުއްރަޙްމާން އައްސުދައިސްގެ އިމާމުކަމުގައި މަސްޖިދުލް ޙަރާމްގައި، އިޝާ ނަމާދާއި ތަރާވީޙް އަދި ޤިޔާމުއްލައިލް ނަމާދުތައް އަދާކުރެއްވިއިރު މި ނަމާދުތައް ނިންމާލީ ޚާއްޞަ ދުޢާއަކާ އެކުގައި ކަމަށް ވެސް ސައޫދީ ގެޒެޓުގައި ވެއެވެ.

މައްކާގެ ޙަރަމްފުޅުގައި 2 މިލިއަނަށްވުރެ ގިނަ މުސްލިމުން ވަނީ ރޭއަޅުކަމުގައި ބައިވެރިވެފައެވެ.

ގިނަ ޢިލްމުވެރިން އިއްތިފާޤުވަނީ 27 ވިލޭރެއަކީ ލައިލަތުލްޤަދްރް ކަމަށެވެ. ނަމަވެސް މިއީ ސީދާ ކަށަވަރުވާ ކަމެއް ނޫނެވެ. ލައިލަތުލްޤަދްރް ރެއަކީ އެ ރެއެއްގައި ކީރިތި ޤުރުއާން ބާވައިލެއްވުނު ރެޔެވެ. އެއީ 1000 މައްސަރުގެ އަޅުކަން ލިބޭނެ ރެއެކެވެ. ރަމަޟާން މަހުގައި އަންނަ މި ރެޔަކީ އިންސާނޭގެ ދިރިއުޅުމުގައި ލިބޭނެ އެންމެ އަގުބޮޑު ރެޔެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%