އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސް އަތުން ރާއްޖެ 4-1 ބަލިވުމުގެ މައިގަނޑު ސަބަބަކީ ފިލިޕީންސަށް ކުޅުވަން އެ ގައުމުގެ ރަށްވެހިކަން ދީފައިވާ ކުޅުންތެރިން ކަމަށް ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.
މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒޭން ބުންޏެވެ. "ދެ ޓީމަށް ބަލާއިރު ފިލިޕީންސް މާ މޮޅު މި މެޗުގައި، ޚާއްޞަކޮށް ދެވަނަ ހާފުގައި. އެމީހުން މޮޅަށް ކުޅެފައި ފަހު ދެ ގޯލު ޖެހީ. އަދި އެއީ އަޅުގަނޑުމެންގެ ކުޅުންތެރިން ހެދި ވަރަށް ބޮޑެތި ގޯސްތަކަކުން ޖެހި ގޯލުތަކެއް. އަޅުގަނޑަށް ހީވަނީ ދެ ޓީމުގެ ތަފާތަކީ ފިލިޕީންސް ޓީމުގައި ތިބި ނެޗުރަލައިޒް (ރަށްވެހިކަން ދީފައިވާ) ކުޅުންތެރިންހެން،".
އޭނާ އިތުރަށް ބުނީ މިއީ މިހާރު ދުނިޔޭގެ ފުޓްބޯޅައިން ވަރަށް ގިނައިން ފެންނަ މަންޒަރެއް ކަމަށާއި ރަށްވެހިކަން ދީގެން ކުޅުވުމަކީ ރާއްޖެ އާއި ސްރީލަންކާ އަދި ފިލިޕީންސް ކަހަލަ ކުދި ގައުމުތަކަށް ލިބޭނެ އެޑްވާންޓޭޖެއް ކަމަށެވެ.
"އަޅުގަނޑު މި ދައްކާ ވާހަކަ ގޯސްކޮށް ނުނެގުން އެދެން. އަޅުގަނޑު ނެޗުރަލައިޒް ކުޅުންތެރިންނަށް އިޙްތިރާމް ކުރަން. މިވަގުތު މި މެޗުގައި ނެޗުރަލައިޒް ކުޅުންތެރިންގެ އެޑްވާންޓޭޖް އޮތީ ފިލިޕީންސަށް. އެމީހުން މި އެޑްވާންޓޭޖް ނަގަންވެސް ޖެހޭނެ. އެކަމަކު މިކަން ކުރަން ރާއްޖެ އަދި ތައްޔާރެއްނޫން. އަޅުގަނޑު މި ބުނާ ވާހަކައަކީ މީގެ ސަބަބުން މި މެޗުގައި ދެ ޓީމުގެ ތަފާތަކަށް ފެނުނީ އެ ކުޅުންތެރިންނޭ،" ސުޒޭން ބުންޏެވެ.