ދެކުނު ސޫދާން އަނެއްކާވެސް ނުރައްކާތެރި ދާޚިލީ ހަނގުރާމައަކާ ކުރިމަތިލަނީ ކަމަށް އދ އިން އިންޒާރު ދީފިއެވެ. ވެރިކަމުގެ ބާރުތަކުގެ ތެރޭގައި އިތުރުވަމުންދާ ހަމަނުޖެހުންތަކާއި، އެޤައުމުގައި އަނިޔާވެރިކަން އިތުރުވަމުން ދިއުމާއި، ސިޔާސީ ބައިބައިވުންތަކުގެ ސަބަބުން ސޫދާނުގެ ރައްޔިތުންނަށް ބިރުވެރިކަން ކުރިމަތިވެ، އެ ގައުމު ހަލަބޮލިކަމުގެ ތެރެއަށް ވެއްޓިދާނެކަމުގެ ބިރު އޮތްއިރު ދެކުނު ސޫދާނަކީ ސޫދާން ބައިބައިކޮށްލުމަށްފަހު ވަކިވެގެންފައިވާ ބައެކެވެ. އެހެންކަމުން ދެކުނު ސޫދާނަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ޅަ ޤައުމެވެ.
ދުނިޔޭގެ އެންމެ ޒުވާން ޤައުމު ކަމަށްވާ ދެކުނު ސޫދާނަށް 2011 ވަނަ އަހަރު މިނިވަންވި ފަހުން އެގައުމުގެ ރައްޔިތުންނަކަށް ހަމަޖެހިލައިގެން ލޮލުފިޔައެއް ނުޖެހެއެވެ. ސިޔާސީ ފަރާތްތަކުގެ ކޯޅުން ބޮޑުވެ ރައްޔިތުންގެ މެދުގައި ވަނީ ނަސްލީ ހަމަނުޖެހުންތަކާއި އިންސާނީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. މިކަން ފެށުނު ގޮތަކީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ދެކުނު ސޫދާނުގެ ރައީސް ސަލްވާ ކީރް އާއި އެމަނިކުފާނުގެ ސިޔާސީ ވާދަވެރިޔާ ރިއެކް މަޗާއާ ދެމެދު މައްސަލަ ގޯސްވުމެވެ. އެންމެފަހުން އެކަންކަން ހައްލުނުވެ ހަތިޔާރުއެޅި ހަމަނުޖެހުންތަކަށް ބަދަލުވިއެވެ. ނަތީޖާއަކީ އެހެން ގޭންގުތައް ވެސް އެކަމުގެތެރެއަށް ވަދެ ނަސްލީ ހަނގުރާމައަކަށް ބަދަލުވުމެވެ.
ދެކުނު ސޫދާނުގެ ރައީސް ސަލްވާ ކީރް، އަދި ނައިބު ރައީސް ރިކް މަޗާ (ވ)، 2018 ވަނަ އަހަރު ސުލްހައިގެ އެއްބަސްވުމަކަށް އެއްބަސްވެވަޑައިގެންނެވި.
މި ދާޚިލީ ހަނގުރާމައިގެ ސަބަބުން ދިހަހާސް އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އަދި 4 މިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށްލާފައިވާއިރު، އޭގެ ތެރޭގައި 1.8 މިލިއަން މީހުން ވަނީ އެ ސަރަޙައްދު ދޫކޮށް ސޫދާނުގެ އެކި ހިސާބުތަކަށް ހިޖުރަކޮށްފައެވެ. މީގެއިތުރުން 2.5 މިލިއަން މީހުން ވަނީ ސޫދާން ދޫކޮށް އަވަށްޓެރި ޤައުމުތަކަށް ފިލައިގެން ގޮސްފައެވެ..
މި ހަމަނުޖެހުންތަކުގެ ސަބަބުން 2017 ވަނަ އަހަރު ދެކުނު ސޫދާނުގެ ބައެއް ހިސާބުތަކަށް ބަނޑުހައިހޫނުކަން ކުރިމަތިވެ، އެތައް މިލިއަން ރައްޔިތުން ގާތްގަނޑަކަށް ގޮތް ހުސްވެ ރަނގަޅު ކާނާ ނުލިބި އުޅެން ޖެހުނެވެ.
2018 ވަނަ އަހަރު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރެވި، 2020 ވަނަ އަހަރު އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެދުނެވެ. މި ސަރުކާރުގައި ރައީސްގެ މަޤާމުގައި ކީރު އަދި ނައިބު ރައީސްގެ މަޤާމުގައި މަޗާރު ހަމަޖެއްސުނެވެ. ނަމަވެސް، މި އެއްބަސްވުމުގައިވާ ކަންކަން ތަންފީޒުކުރުން ލަސްވެ ހަމަނުޖެހުންތައް އަނެއްކާވެސް އިތުރުވާން ފެށިއެވެ.
މިއަދާއި ހަމަޔަށް ވެސް ރައީސް އާއި ނައިބުރައީސް އެއްގަލަކަށް ނޭރި، ނައިބު ރައީސްގެ ސޫދާން ޕީޕަލްސް ލިބަރޭޝަން މޫވްމަންޓް-އިން-އޮޕޮޒިޝަން (އެސްޕީއެލްއެމް-އައިއޯ) އާއި ސަރުކާރާ ދެމެދު އޮތް ކޯލިޝަންގެ ގުޅުންތައް ވަރަށް ބޮޑަށް ހީނަރުވެ އެ ޤައުމުގެ ހަމަޖެހުން އަދިވެސް އޮތީ ވަރަށް ނާޒުކު ހާލަތެއްގައެވެ. އދ އިން ބުނާ ގޮތުގައި އެ ގައުމުގައި މިހާރު ހިނގަމުންދާ ސިޔާސީ ވާދަވެރިކަމާއި އަނިޔާވެރިކަމުގެ ސަބަބުން ދެމެހެއްޓެނިވި ސުލްޙައެއް ޤާއިމުކުރުމުގެ ފުރުޞަތުތަކަށް އޮތީ ވަރަށް ބޮޑު ނުރައްކަލެއްގައެވެ. އިތުރު ހަނގުރާމައެއް ފެށިދާނެވެ..