އާޖެންޓީނާއިން ބުރެޒިލް ހާސްކޮށްލައި މުޅިން މާޔޫސް ކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ | 4 ދުވަސް ކުރިން - 12:41
ވޯލްޑް ކަޕް 2026 ގެ ކޮލިފައިންގައި މިއަދު ބްރެޒިލްއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު އާޖެންޓީނާގެ ޖިއުލިއާނޯ ސިމިއޯނޭ އެންޒޯ ފަރްނާންޑޭޒްއާ އެކު އުފާފާޅުކުރަނީ.
ވޯލްޑް ކަޕް 2026 ގެ ކޮލިފައިންގައި މިއަދު ބްރެޒިލްއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު އާޖެންޓީނާގެ ޖިއުލިއާނޯ ސިމިއޯނޭ އެންޒޯ ފަރްނާންޑޭޒްއާ އެކު އުފާފާޅުކުރަނީ.
ޚުލާސާ

މެސީއާއި ނުލައި 4-1 އިން އާޖެންޓީނާއިން ބްރެޒިލް ބަލިކޮށް ވޯލްޑްކަޕްގެ ޖާގަ ޔަގީންކޮށްފައިވާއިރު ބްރެޒިލް އަށް ކޮލިފައިވުމަށް އިތުރު ދަތިތަކެއް.

ފީފާ ވޯލްޑް ކަޕް 2026 ގެ ދެކުނު އެމެރިކާގެ ކޮލިފައިންގ ބުރުގައި އާޖެންޓީނާއިން ވާދަވެރި ބްރެޒިލް އަތުން 4-1 އިން މޮޅުވެއްޖެއެވެ.

އިންޖަރީގައި ހުރި މެސީއާއި ނުލައި މިއަދުގެ މެޗަށް ނުކުތް އިރުވެސް ވޯލްޑް ކަޕްގެ ޖާގައެއް ޔަގީންކޮށްފައިވާ އާޖެންޓީނާއިން މި މެޗު ކުޅުނީ ރިއޯ ޑި ޖެނެއިރޯގެ އެސްޓަޑިއޯ މޮނިއުމެންޓާލް ސްޓޭޑިއަމްގައެވެ.

އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މުބާރާތުގެ ޖާގައެއް އާޖެންޓީނާ އަށް ކަށަވަރުވީ އުރުގުއޭ އާއި ބޮލިވިއާ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވުމާއި ގުޅިގެންނެވެ.

އެހެންނަމަވެސް، ބްރެޒިލްގެ ވ. ޖޫނިއާ އާއި ރޮޑްރީގޯ ފަދަ ކުޅުންތެރިންނަށް އާޖެންޓީނާގެ ކުރިމަތީގައި މެސީ ނެތް އިރު ވެސް ކުރެވުނު އެއް ކަމެއްވެސް ނެތެވެ.

ވިނީޝިއަސް ޖޫނިއަރ ރެފްރީގެ ނިންމެވުމަކަށް ހިތްހަމަ ނުޖެހުން ފާޅުކުރަނީ

މެޗުގެ ފުރަތަމަ 12 މިނިޓުގެ ތެރޭގައި އާޖެންޓީނާއިން ދެ ގޯލު ޖަހައި، ބްރެޒިލްގެ ދިފާޢު ފުނޑާލިއެވެ. ފުރަތަމަ ގޯލު ޖެހީ ހޫލިއަން އަލްވަރޭޒް އެވެ. ދެވަނަ ގޯލު ޖެހީ އެންޒޯ ފެނާންޑޭޒް އެވެ. ބްރެޒިލްގެ މަޓެއުސް ކޫންޏާ 26 ވަނަ މިނިޓުގައި ލަނޑެއް ޖެހި ނަމަވެސް، އަލެކްސިސް މެކް އަލިސްޓާ ފުރަތަމަ ހާފު ނިމުމުގެ ކުރިން އާޖެންޓީނާއަށް ތިންވަނަ ގޯލު ޖެހިއެވެ.

ދެވަނަ ހާފުގައި އާޖެންޓީނާގެ ފަހު ގޯލު ޖެހީ ޑިއޭގޯ ސިމިއޯނީގެ ދަރިފުޅު، ޖިއުލިއާނޯ ސިމިއޯނީ އެވެ. މި މޮޅާއެކު، ކޮލިފައިންގ މަރުހަލާގެ އެއްވަނައިގައި އޮތް އާޖެންޓީނާއަށް 14 މެޗުން 31 ޕޮއިންޓް ލިބިފައިވެއެވެ. ދެވަނައިގައިވާ އެކުއެޑޯއަށް 14 މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައިވާ އުރުގުއޭ، ހަތަރުވަނައިގައިވާ ބްރެޒިލް އަދި ފަސްވަނައިގައިވާ ޕެރަގުއޭއަށް 14 މެޗުން 21 ޕޮއިންޓް ލިބިފައިވެއެވެ.

އާޖެންޓީނާ އަތުން މިހާ ބޮޑު ތަފާތަކުން ބަލިވުމުން ބްރެޒިލްއަށް އިތުރު ދަތިތަކާއި ކުރިމަތިވާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%