ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކުގައި، މީހުން ގިނަވެ ބާރުބޮޑުވާ ވަގުތުތަކުގައި މާތްވެގެންވާ މަސްޖިދުލް ޙަރަމަށް ކުޑަކުދިން ނުގެންދިޔުމަށް ސަޢުދީ ޢަރަބިއްޔާގެ ދާޚިލީ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހުގައި، ޚާއްޞަކޮށް ފަހު ދިހައެއްގެ ރޭތަކުގައި މަސްޖިދުލް ޙަރަމަށް ޒިޔާރަތްކޮށް ޢުމްރާ ކުރާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެއެވެ. މުޅި އަހަރު ތެރޭގައިވެސް އެންމެ ގިނަ ޢަދަދެއްގެ މީހުން ޢުމްރާގެ އަޅުކަން ފުރިހަމަ ކުރަނީ ރަމަޟާން މަހުގެ ތެރޭގައެވެ.
ސަޢުދީ ޢަރަބިއްޔާގެ ދާޚިލީ ވުޒާރާއިން ބުނެފައިވަނީ މިސްކިތުގައި އަޅުކަން ކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީން ކުރުމަށްޓަކައި، މި ދުވަސްވަރު މިސްކިތަށް އެންމެ ބާރުބޮޑުވާ ގަޑިތަކުގައި މިސްކިތަށް ކުޑަކުދިން ނުގެނައުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި މިސްކިތުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޢަމަލު ކުރުމުގެ މުހިންމުކަން ފާހަގަކުރިއެވެ.
ދެ ޙަރަމް ބަލަހައްޓާ ސަޢުދީ ޢަރަބިއްޔާގެ އިދާރާއިން ވަނީ ޙަރަމުގައި ހިންގާ ޑޭ ކެއަރ ސެންޓަރުތަކުގެ ޚިދުމަތުގެ ބޭނުން ހިފުމަށް ބާރު އަޅާފައެވެ. މި ސެންޓަރުތަކަކީ ކުދިންނަށް ރައްކާތެރި މާޙައުލެއް ކަމަށާއި، 24 ގަޑިއިރު މި ޚިދުމަތް ލިބެން ހުންނާނެ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.