ލިވަޕޫލްގެ އުމުރުން 26 އަހަރުގެ ކަނާތު ބެކް ޓްރެންޓް އެލެގްޒެންޑަރ އާނަލްޑް މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގައި ރެއާލް މެޑްރިޑާ ގުޅުމަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ލިވަޕޫލާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ޖޫން މަހު ހަމަވާއިރު، މުއްދަތު އިތުރުކުރާނެ ކަމުގެ އަޑުތައް ފެތުރިފައިވީނަމަވެސް، މިއަދާ ހަމަޔަށް ވެސް އެއްބަސްވުން އާ ކުރަން ލިވަޕޫލުން އޭނާގެ އެޖެންޓާއި އެދެވޭ ވާހަކަތަކެއް ދެއްކިފައެއް ނުވެއެވެ.
އުމުރުން ހަ އަހަރުން ފެށިގެން ލިވަޕޫލްގައި ކުޅެމުން އަންނަ އެލެގްޒެންޑަރ އާނަލްޑް ވަނީ އެޓީމަށް 349 އަށް ވުރެ ގިނަ މެޗު ކުޅެ 22 ގޯލް ޖަހައި 87 އެސިސްޓް ކޮށްދީފައެވެ. ލިވަޕޫލާއެކު އޭނާ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާއިރު، އޭގެ ތެރޭގައި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބު ވޯލްޑް ކަޕްގެ ތަށިވެސް ހިމެނެއެވެ.
ރެއާލް މެޑްރިޑުން އޭނާގެ ކޮންޓްރެކްޓް ހާލަތު މޮނިޓަރ ކުރަމުން އަންނަތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވެފައިވާއިރު، މި ހިލޭ ޓްރާންސްފާއަކީ އެޓީމުގެ ސްކޮޑު ވަރުގަދަވާނެ ޓްރާންފާއެކެވެ.
އޭނާ ލިވަޕޫލް ދޫކޮށްލުމުގެ އަޑު ގަދަވެފައިވާއިރު އެ ކުލަބުގެ ބައެއް ސަޕޯޓަރުން ވަނީ އޭނާގެ ކުޑައިރުން ފެށިގެން ކުޅެމުން އައި ކްލަބަށް އޭނާގެ ވަފާތެރިކަމާ މެދު ސުވާލު އުފައްދައިފަ އެވެ. ނަމަވެސް އިގިރޭސީގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޓްރޮއި ޑީނީ ވަނީ އާނަލްޑްގެ ނިންމުމަށް ތާއީދުކޮށް، އަށް އަހަރު ދުވަހުގެ ތެރޭގައި އޭނާ ލިވަޕޫލަށް ކޮށްދިން މުހިންމު ޚިދުމަތްތަކަށް އަލިއަޅުވާލައްވައި، ދުނިޔޭގެ އެންމެ ބޮޑު އެއް ޓީމު، ރެއާލް މެޑްރިޑަށް ބަދަލުވުމަކީ ކެރިއަރުގައި އޭނާ ނެގި ބުއްދިވެރި ފިޔަވަޅެއްކަން ފާހަގަކުރައްވާފައެވެ.