ޣައްޒާގައި ހިނގަމުންދާ ލާއިންސާނީ ޤަތުލުޢާންމު ހުއްޓުވުމަށް މިޞްރުން އައު ހުށަހެޅުމެއް ހުށަހެޅުމުން އެކަމަށް ހަމާސް އާއި އެމެރިކާ ތާއީދު ކޮށްފިއެވެ.
މާރިޗު 18 ގައި ޔަހޫދީން އަލުން ފެށި ޢުދުވާނީ ޙަމަލާތަކުގައި 700 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި 400 އަށްވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.
މިޞްރުގެ ހުށަހެޅުމުގައި ހިމެނެނީ ޙަމާސްގެ ބެލުމުގެ ދަށުގައިވާ އަސީރުންގެ ތެރެއިން ކޮންމެ ހަފުތާއަކު ފަސް މީހަކު މިނިވަން ކުރުމެވެ. އަދި ދެވަނަ ހަފުތާގައި ކުރީގެ އެއްބަސްވުމުގެ ދެވަނަ މަރުޙަލާއަށް ޢަމަލުކުރަން ފެށުމެވެ. މި މަރުޙަލާގެ ދަށުން ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓައިލައި، ޔަހޫދީ ފައުޖު އެ ސަރަޙައްދުން ފައިބަން ޖެހޭނެއެވެ.
59 އަސީރުން އަދިވެސް ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ކަމަށް ބެލެވެއެވެ. އޭގެތެރެއިން ގިނަ މީހުން ވަނީ މަރުވެފައެވެ. ދިރިތިބީ 24 މީހުން ކަމަށް ވެއެވެ.
ހަމާސްގެ ބެލުމުގެ ދަށުގައި މިހާރު ތިބި ކަމަށް ބެލެވޭ އަސީރުންނާއިގުޅޭ: ދިރިތިބީ 24 އަސީރުން. ދެން ތިބީ އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން މަރުވި 35 މީހުންގެ ހަށިގަނޑު ކަމަށް ހަމާސް އާއި ޙަވާލާދީ ޚަބަރުތައް ބުނޭ.
ކޮންމެ ހަފްތާއަކުވެސް ފަސް ރަހީނުން ދޫލޮށްލުމަށް މިޞްރުން ހުށަހެޅި އެއްބަސްވުމަށް ހަމާސް އާއި އެމެރިކާއިން ރުހުނަސް އަދި އިސްރާއީލުން މިކަމުގައި އެއްޗެއް ނުބުނެއެވެ.
ހަމާސްއާއި އިސްރާއީލާއި ދެމެދު މީގެ ކުރިންވެސް މިޞްރު މެދުވެރިވެގެން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ކަމުގައި ވިޔަސް ޔަހޫދީން ވަނީ އެފަހަރު ވެސް އެއްބަސްވުމާއި ޚިލާފު ވެފައެވެ.
ހަމާސްގެ ބާރުގެ ދަށުގައިވާ ޣައްޒާއިން މިހާރު ވެސް ބައިލައްކައަށްވިރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، ފަލަސްތީނު އޮތޯރިޓީން ދަނީ ބާރުތައް ދޫކޮށްލުމަށް ހަމާސް އަށް ގޮވާލަމުންނެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި ހަމާސްއިން ބާރުތައް ދޫކޮށްލައިފިނަމަ ޣައްޒާ ވެގެންދާނީ ޔަހޫދީންގެ ތަނަކަށެވެ.