ޕާކިސްތާނު-އަފްޣާނިސްތާނު ސަރަޙައްދުގައި 16 ހަނގުރާމަވެރިން މަރާލައިފި

ޖަވާދު | 5 ދުވަސް ކުރިން - 12:34
ފޮޓޯ: އެސޯސިއޭޓެޑް ޕްރެސް
ފޮޓޯ: އެސޯސިއޭޓެޑް ޕްރެސް
ޚުލާސާ

ޕާކިސްތާނުން ތުހުމަތު ކުރަނީ އަފްޣާން ބޯޑަރު ހުރަސްކޮށް ޕާކިސްތާނަށް ހަމަލާދޭ ޖަމާޢަތްތަކަށް އަފްޣާން ސަރުކާރުން ހިމާޔަތް ދޭކަމަށް. ނަމަވެސް އެކަން އަފްޣާނުން ދޮގުކުރޭ.

ޕާކިސްތާނާއި އަފްޣާނިސްތާނުގެ ސަރަޙައްދީ ރޮނގު ކައިރީގައި އަފްޣާނިސްތާނުގެ 16 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ހޮނިހިރު އަދި އާދީއްތަ ދުވަހު ހިނގި ކުރިމަތިލުންތަކުގައި މަރާލާފައިވާ މި ހަނގުރާމަވެރިންނަކީ ހަތިޔާރު އަޅައިގެން ސަރަޙައްދީ ރޮނގު ހުރަސްކޮށް ޕާކިސްތާނަށް ވަންނަން މަސައްކަތްކުރި ބައެއް ކަމަށެވެ.

ޕާކިސްތާނު އަސްކަރިއްޔާއިން ބުނީ މި ކުރިމަތިލުންތައް ހިނގާފައިވަނީ ދެކުނު ވަޒީރިސްތާނުގެ ޚައިބަރު ޕަޚްތުންޚުވާ ސަރަޙައްދުގައި ކަމަށާއި، ސަރަޙައްދީ ރޮނގުގެ ސަލާމަތީ ކަންކަން ރަނގަޅަށް ބެލެހެއްޓުމަށް ތަކުރާރުކޮށް އަފްޣާނިސްތާނުގެ އިންތިޤާލީ ސަރުކާރުގެ ކިބައިން އެދިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ޕާކިސްތާނުން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ ޚާއްސަ މަންދޫބު ޞާދިޤް ޚާން ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނެވި ދަނޑިވަޅެއްގައެވެ.

ފާއިތުވި ދުވަސްތަކުގައި އަފްޣާނިސްތާނާއި ޕާކިސްތާނުގެ ގުޅުން ވަނީ ގޯސްވެފައެވެ. ޕާކިސްތާނުން ތުހުމަތު ކުރާ ގޮތުގައި އެ ޤައުމުގައި ދޭ ނިރުބަވެރި ޙަމަލާތަކުގެ ފަހަތުގައި ތިބީ އަފްޣާނިސްތާނުން ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭ ހަތިޔާރު އެޅި އަދި ނިރުބަވެރި ޖަމާޢަތްތަކެވެ. ނަމަވެސް، އަފްޣާނިސްތާނުން މި ތުހުމަތު ދޮގު ކުރެއެވެ.

2024 ވަނަ އަހަރު އެކަނިވެސް ޕާކިސްތާނުގައި ހަނގުރާމަވެރި ޖަމާޢަތްތަކުން 500 އަށް ވުރެ ގިނަ ޙަމަލާ ދީފައިވާއިރު، އެ ޙަމަލާތަކުގައި ސަލާމަތީ ބާރުތަކާއި އާންމުންގެ ތެރެއިން 1،500 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%