އޮސްކާ އެވޯޑް ކާމިޔާބުކުރި ޑޮކިއުމެންޓަރީ "ނޯ އަދަރ ލޭންޑް" ގެ ފަލަސްތީނު ޑައިރެކްޓަރު ހަމްދާން ބައްލާލްއަށް އިސްރާއީލްގެ ޔަހޫދީން ވަރަށް ބޮޑަށް އަނިޔާކޮށް އޭނާ ގެއްލުވާލައިފިއެވެ..
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު ވެސްޓް ބޭންކުގައެވެ. ބައެއް ޚަބަރުތައް ބުނާ ގޮތުގައި އޭނާގެ ގައިގައި ތެޅީ މޫނު ނިވާކޮށްގެން ތިބި ޔަހޫދީ ސިފައިންނެވެ. އެމީހުން ވަނީ ބައްލާލްގެ ބޮލާއި ބަނޑަށް ވަރަށް ބޮޑަށް އަނިޔާކޮށް ލޭ އޮހޮރުވާފައެވެ.
ބައްލާލް ގޮވައިގެން ފިލީ ހޮސްޕިޓަލަށް ފަރުވާ ހޯދަންވެގެން އޭނާ އެމްބިއުލާންސަށް ގުޅުމުންނެވެ.
ބައެއް ޚަބަރުތައް ބުނާ ގޮތުގައި އެމްބިއުލާންސް އަށް ބައްލާލް ގުޅުމުން އެމްބިއުލާންސް ވެސް އައެވެ. އަދި ބައްލާލް އެއަށް އެރިކަމަށާއި އެމްބިއުލާންސްގައި ހުއްޓާ އިސްރާއީލް ސިފައިން ވަނީ ގަދަކަމުން އެއިން އޭނާ ބާލައި ހައްޔަރުކޮށްގެން ގެންގޮސްފައެވެ.
"ނޯ އަދަރ ލޭންޑް" އަކީ ފަލަސްތީނާއި އިސްރާއީލްގެ ފިލްމް ހަދާ ފަރާތްތަކުގެ މެދުގައި އެއްބާރުލުން އޮވެގެން ހަދާފައިވާ ޑޮކިއުމެންޓަރީއެކެވެ. މި ޑޮކިއުމެންޓަރީގައި ވެސްޓް ބޭންކުގެ މަސާފަރު ޔައްޓާ ރަށް އިސްރާއީލީ ސިފައިން ހަލާކުކުރާ މަންޒަރު ދައްކުވައިދީފައިވެއެވެ. މި ޑޮކިއުމެންޓަރީއަށް ވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ތަޢުރީފު ލިބި، އޮސްކާ އެވޯޑް ކާމިޔާބުކޮށްފައެވެ. ނަމަވެސް އިސްރާއީލުގައި މި ފިލްމާ ދެކޮޅަށް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.
އެސޯސިއޭޓެޑް ޕްރެސްއަށް ވާހަކަދެއްކި އެކްޓިވިސްޓެއް ކަމަށްވާ ޖޮޝް ކިމެލްމަން ބުނެފައިވަނީ ބައްލާލް ގެންދިޔައީ ކަނުބަނދެގެން ކަމަށާއި، އޭނާ ހުރި ތަނެއް ނޭނގޭ ކަމަށެވެ.