ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ނޫސްވެރިޔާ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއަށް

އައިޝަތު އީމާން | 6 ދުވަސް ކުރިން - 22:02
ފަްބރީޒިއޯ ރޮމާނޯ - އޭނާ މިވަޤުތު ޗުއްޓީ ހޭދަކުރަމުން ދަނީ ރާއްޖޭގައި.
ފަްބރީޒިއޯ ރޮމާނޯ - އޭނާ މިވަޤުތު ޗުއްޓީ ހޭދަކުރަމުން ދަނީ ރާއްޖޭގައި.
ޚުލާސާ

ފަބްރީޒިއޯ ފާހަގަކުރެވިފައިވަނީ ފުޓްބޯޅަ ހަބަރުތައް އެންމެ އަވަހަށް ގެނެސްދޭ ނޫސްވެރިޔާގެ ގޮތުގައި. ދާދި ފަހުން އޭނާ ވަނީ ރާއްޖޭގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް ވެސް ހަމަޖައްސާފައި.

މަޝްހޫރު ފުޓްބޯޅަ ނޫސްވެރިޔާ އަދި ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރ ފަބްރީޒިއޯ ރޮމާނޯ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.

އޭނާ މިވަގުތު ހުންނެވީ ކޮން ރިސޯޓެއް ކަމަށް ސާފު ނުވިޔަސް މީގެ އިރުކޮޅެއް ކުރިން އޭނާ ވަނީ އިންސްޓަގްރާމްގައި ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދާ މަންޒަރު ފެންނަ ފޮޓޯ އަދި ވީޑިއޯ އާންމު ކޮށްފައެވެ.

ފަބްރީޒިއޯގެ އިންސްޓަގްރާމްގައި އޭނާ އާންމުކޮށްފައިވާ ފޮޓޯތައް.

އިންސްޓަގްރާމްގައި އޭނާ ލިޔެފައިވަނީ "އިންޓަރނޭޝަނަލް ބްރޭކް އިން ޕެރެޑައިސް" މިހެންނެވެ. އަދި ރާއްޖޭގެ ގްލޯބަލް އެމްބެސަޑަރެއްގެ މަޤާމް ތަމްސީލް ކުރުމުގެ ފުރުސަތު ލިބުމުން ފަހުރުވެރިވާ ކަމަށާއި ރާއްޖެއަކީ ހީނުކުރާ ފަދަ ރީތި ޤައުމެއް ކަމަށް އޭނާ ލިޔެފައިވެއެވެ.

އޭނާގެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ ޖާދުލުގެ ރީތި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތުގެ ބޭނުން ކޮށްލަނީ ކަމަށާއި ފުޓްބޯޅައިގެ ހަބަރުތައް މިވަޤުތު އޭނާ ގެނެސްދެމުން މިދަނީ ސުވަރުގެއިން ކަމަށެވެ. އަދި 2022 އިން ފެށިގެން ރާއްޖެ އަންނަ ކޮންމެ ފަހަރަކު މި ހިތްގައިމު ގައުމު ދެކެ ލޯބިވާ މިންވަރު ދަނީ އިތުރުވަމުން ކަމަށެވެ.

ފަބްރީޒިއޯއަކީ ފުޓްބޯޅައިގެ ހަބަރުތައް އެންމެ ތާޒާކަމާއެކު ގެނެސްދިނުމުގައި މިވަޤުތު ދުނިޔޭގައި ހުރި އެންމެ މަޝްހޫރު ނޫސްވެރިޔާއެވެ. ހާއްސަކޮށް އޭނާ ފާހަގަ ކުރެވިފައިވަނީ ޓްރާންސްފާގެ ހަބަރުތައް އެންމެ އަވަހަށް ގެނެސްދޭ ނޫސްވެރިޔާގެ ގޮތުގައެވެ.

ވިޒިޓް މޯލްޑިވްސް ގެ ގްލޯބަލް އެމްބެސެޑަރ ކަމަށް ފަބްރީޒިއޯ ހަމަޖައްސާފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އެ މަޤާމަށް ހަމަޖެއްސުމުން އޭނާ ބުނެފައިވަނީ ރާއްޖެއަކީ ބިޒީ ޝެޑިއުލް އިން މީހާއަށް ހަމަޖެހުން ގެނެސްދޭނެ މަންޒިލެއް ކަމަށެވެ. އަދި ރާއްޖޭގައި ތަޖުރިބާ ކުރަން އޮތީ ހަމައެކަނި މޫދާއި ގޮޑުދޮށް ނޫން ކަމަށާއި އެހެން ބައިވަރު ގޮތް ގޮތުންވެސް ރާއްޖެއަކީ ތަޖުރިބާ ކޮށްލެވޭނެ މަންޒިލެއް ކަމަށެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%