ދެއްވަދޫގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިޔަށްދާ އެފް.އެމް.އޭ ފުޓްސަލް ޗެލެންޖް 2025 ގެ ފައިނަލް މެޗް މާދަމާރޭ 9:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެފް.އެމް.އޭ އިން މިއަދު ހާމަކޮށްފިއެވެ.
މި މުބާރާތުގައި ޖުމްލަ 3 ޓީމް ވާދަކުރިއިރު، ފައިނަލަށް ދަތުރުކޮށްފައިވަނީ ޑީޖޭޖީ އާއި އޮކާއޯ ސްޕޯޓްސްއެވެ.
ދެބުރަކަށް ކުޅެވުނު މި މުބާރާތުގެ ފައިނަލަށް ޑީޖޭޖީ ދަތުރުކޮށްފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 8 ޕޮއިންޓް ހޯދައިގެންނެވެ.
އޮކާއޯ ސްޕޯޓްސްއަށް ލިބިފައިވަނީ 7 ޕޮއިންޓެވެ. މުބާރާތުގައި ވާދަކުރި އަނެއް ޓީމް ކަމަށްވާ އައިލޭންޑަރސް އެފްސީ އަށް ލިބިފައިވަނީ 1 ޕޮއިންޓެވެ.
ދެއްވަދޫގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިޔަށްދާ އެފް.އެމް.އޭ ފުޓްސަލް ޗެލެންޖް 2025ގެ ތެރެއިން: މާދަމާރޭ އޮތީ ފައިނަލް މެޗް.
މުބާރާތް އިންތިޒާމްކުރާ އެފް.އެމް.އޭ އިން މަޢުލޫމާތު ދެމުން ބުނެފައިވަނީ މި މުބާރާތަކީ ދެއްވަދޫ ރައްޔިތުންގެ އިޖުތިމާޢީ ރޫޙާއި، ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުވުމަށްޓަކައި މިދިޔަ އަހަރުން ފެށިގެން ބާއްވަމުންދާ މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތަށް ރަށުގެ އެންމެހާ ރައްޔިތުންގެ ތަރުހީބު ލިބެމުންދާ ކަމަށާއި، މިއީ އުފެދިގެން އަންނަ ޖީލުގެ ކުޅުންތެރިން ފުޓްސަލްއަށް ޝައުޤުވެރިކަން އިތުރުކުރުވި މުބާރާތެއްކަމަށް އެފް.އެމް.އޭ އިން ފާހަގަކޮށްފައިވެއެވެ.
ދެއްވަދޫގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިޔަށްދާ އެފް.އެމް.އޭ ފުޓްސަލް ޗެލެންޖް 2025ގެ ތެރެއިން: މާދަމާރޭ އޮންނަ ފައިނަލްގައި ކުޅޭނީ ޑީޖޭޖީ އާއި އޮކާއޯ ސްޕޯޓްސް.
މި މުބާރާތުގެ ފައިނަލް މެޗް ކުޅެވޭނީ މާދަމާ ރޭ ދެއްވަދޫ ފުޓްސަލް ދަނޑުގައި ކަމަށް އެފް.އެމް.އޭ އިން ބުނެފައިވެއެވެ. ފައިނަލް މެޗް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 9:30 ގައެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާނީ ކޮން ޓީމެއްކަން ބެލުމަށް ގިނަ ބަޔަކު ޝައުޤުވެރިކަން ފާޅުކުރަމުންދާ ކަމަށްވެސް އެފް.އެމް.އޭ އިން ފާހަގަކޮށްފައިވެއެވެ.