އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް މާދަމާ ކުޅޭ މެޗުގައި ފިލިޕީންސްގެ އެންމެ މުހިންމު ފޯވަޑް ގެރިޓް ހޮލްމަން އަށް ނުކުޅެވޭނެ ކަމަށް އެ ޤައުމުގެ ގައުމީ ޓީމުގެ ކޯޗު އަލްބަޓް ކަޕެޔާސް ވިދާޅުވެއްޖެއެވެ.
ކޯޗު ކަޕެޔާސް ވިދާޅުވި ގޮތުގައި ހޮލްމަން އަށް ނުކުޅެވެނީ ދެ ސަބަބަކާ ހުރެއެވެ. އެއީ އޭނާއަށް އަނިޔާވެފައި ވުމާއި، އޭނާގެ ކުލަބު ޖަރުމަނުގެ ބުންޑަސްލީގާ 2ގެ ރެލިގޭޝަން ޒޯނުގައި އޮވެ، މުހިންމު މެޗުތަކެއް ކުޅެން ޖެހުމެވެ.
"އޭނާ އަށް ވަނީ އަނިޔާވެފައި. އަދި އޭނާގެ ކުލަބު ދަނީ ރެލިގޭޝަނުން އަރައިގަތުމަށް މަސައްކަތް ކުރަމުން. އެންމެ ބޮޑު ކަންބޮޑުވުމަކީ އޭނާ އަށް އަނިޔާވެފައި ހުއްޓާ އަހަރުމެން ގާތަށް އައިސް މެޗުތަކެއް ކުޅެފިނަމަ އޭނާގެ މަސްގަނޑަށް ލިބިފައިވާ އަނިޔާ އިތުރަށް ސީރިއަސް ވެދާނެތީވެ،" ކޯޗު ވިދާޅުވިއެވެ.
ކުޅުންތެރިޔާ ހުރީ ގައުމީ ޓީމަށް ކުޅެން ބޭނުންވެފައި ކަމަށް ވެސް ކޯޗު ފާހަގަކުރެއްވިއެވެ. ނަމަވެސް އަނިޔާގެ ސަބަބުން ކުލަބާއި ގައުމީ ޓީމު ވާހަކަ ދައްކައިގެން ނިންމަންޖެހެނީ މުހިންމުުހިންމު ނިންމުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފިލިޕީންސްގެ ގައުމީ ޓީމުގެ ޑިރެކްޓަރު ފްރެޑީ ގޮންޒާލޭޒް ވިދާޅުވީ ހޮލްމަން އަށް ނުކުޅެވުނަސް ރާއްޖެ ބަލިކޮށް ފެށުން ރަނގަޅު ކުރެވޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު އެބައޮތް ކަމަށެވެ.
"އަހަރެންނަށް ހީވަނީ އަހަރުމެން އަމިއްލަ ނަފްސަށް އިތުބާރު އެބައޮތްހެން މެޗު ކާމިޔާބު ކުރެވޭނެ ކަމާމެދު. އަހަރުމެންގެ އަމިއްލަ ގައުމުގައި މެޗު ކުޅުމަކީ ވެސް ލިބޭ އެޑްވާންޓޭޖެއް. އަދި ސަޕޯޓަރުންގެ ކުރިމަތީގައި އަހަރުމެން ރަނގަޅު ކުޅުމެއް ދައްކާނެ ކަމާމެދު ޝައްކެއްނެތް،" ފްރެޑީ ވިދާޅުވިއެވެ.
ރާއްޖެއާއި ފިލިޕީންސް ކުޅޭ މެޗު އޮންނާނީ މާދަމާ ނިއު ކްލާކް ސިޓީ އެތްލެޓިކްސް ސްޓޭޑިއަމުގައެވެ. މި މެޗަށް ރާއްޖޭގެ ޓީމު ވެސް މިހާރު ވަނީ ފިލިޕީންސަށް ގޮސްފައެވެ. ރާއްޖެ ވަނީ މި މެޗުގެ ކުރިން އިންޑިޔާއާއެކު އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ.