ތުރުކީވިލާތުގެ އެންމެ ބޮޑު އަދި މުހިންމު ސިޓީ ކަމުގައިވާ އިސްތަންބޫލުގެ މޭޔަރު އިކްރާމް އިމަމޯލޫ އިއްޔެ ޖަލަށް ލައިފިއެވެ. 54 އަހަރުގެ އިމަމޯލޫ ޖަލަށް ލާފައިވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދަޢުވާއަކާއި ގުޅިގެން، ޝަރީޢަތް ފެށެންދެން ބަންދުގައި ބެހެއްޓުމަށް ތުރުކީވިލާތުގެ ކޯޓަކުން ކުރި ޙުކުމަކާއި އެއްގޮތަށެވެ.
އިމަމޯލޫއަކީ ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ ކަމަށް ބެލެވެއެވެ. އޭނާ ޖަލަށް ލުމާއި ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ. މީގެ ތެރޭގައި ތުރުކީވިލާތުގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) އާއި ބޭރުގެ ބައެއް ޤައުމުތަކުގެ ވެރިންނާއި ގިނަ އަދަދެއްގެ ތުރުކީ ރައްޔިތުން ހިމެނެއެވެ.
އިމަމޯލޫ ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝޕްޝަންގެ ތުހުމަތުތަކަށް އިންކާރުކޮށް، އެއީ އޭނާގެ އަގުވައްޓާލުމަށް ކުރާ މަސައްކަތެއް ކަމަށް ބުނެފައެވެ. "އަޅުގަނޑު ހުންނާނީ ތެދަށް، އަޅުގަނޑު ގުދެއް ނުވާނަން،" އޭނާ ވިދާޅުވިއެވެ. އަދި މިއީ ތުރުކީވިލާތުގެ ޑިމޮކްރެޓިކް ޙަޔާތުގައި ކުރިމަތިވި ކަޅު ލައްގަނޑެއް ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.
އެހެންނަމަވެސް، ތުރުކީ ސަރުކާރުން ބުނަނީ އިމަމޯލޫގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަކީ ސިޔާސީ ބޭނުމަކަށް އުފުލާފައިވާ ދަޢުވާތަކެއް ނޫން ކަމަށެވެ. އަދި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން އޭނާ ޖަލަށްލާފައިވާ ކަމަށް ކުރެވޭ ތުހުމަތުތައްވެސް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.
އިމަމޯލޫ ޖަލަށް ލާފައިވަނީ ކުރިއަށް އޮތް އާންމު އިންތިޚާބުގައި ސީއެޗްޕީ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި އޭނާގެ ނަން ހުށަހެޅުމަށް އެ ޕާޓީން ތައްޔާރުވަމުންދިޔަ ދަނޑިވަޅެއްގައެވެ. މިކަމާއި ގުޅިގެން އޭނާއަށް ތާއީދުކޮށް ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނުކުމެ، ބައެއް ސަރަހައްދުތަކުގައި ހަމަނުޖެހުން ހިނގާފައިވާކަން ފާހަގަކުރެވެއެވެ.
ތުރުކީވިލާތުގެ ޢާންމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރުއެވެ. ނަމަވެސް، 22 އަހަރު ވެރިކަން ކޮށްފައިވާ އުރްދުޣާން އަލުން އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފިނަމަ، އިންތިޚާބުގެ ތާރީޚު އަވަސްކުރުމަށް ޤާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެއެވެ. މިއީ ޤާނޫނީ ގޮތުން ރައީސްކަމުގެ މަޤާމުގައި ދެމިހުރެވޭނެ އެންމެ ދިގު މުއްދަތު އޭގެ ކުރިން އުރްދުޣާނަށް ހަމަވާނެތީއެވެ.
މި މައްސަލައިގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލައި، މުޒާހަރާތައް ބޭއްވުން ވެސް ވަނީ ވަގުތީ ގޮތުން މަނާ ކޮށްފައެވެ. ނަމަވެސް، އިމަމޯލޫއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނުކުމެ، އެއްވުންތައް ބާއްވަމުންދާކަން ފާހަގަކުރެވެއެވެ. މި އެއްވުންތައް ކޮންޓްރޯލްކުރުމަށް ފުލުހުން މަސައްކަތްކުރަމުންދާއިރު، ބައެއް ހިސާބުތަކުގައި ހަމަނުޖެހުންތައް ހިނގާފައިވާކަން ވެސް ރިޕޯޓުތަކުން ދައްކައެވެ.
އިމަމޯލޫ ޖަލަށްލުމާ ގުޅިގެން ޔޫރަޕިއަން ޔޫނިއަނުން ވަނީ ތުރުކީ ސަރުކާރަށް ގޮވާލައި، އިމަމޯލޫގެ މައްޗަށް ކުރެވިފައިވާ ދަޢުވާތަކުގެ ޝަރީޢަތް އިންސާފުވެރި އަދި ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެދިފައެވެ.