މެދު އިރުމަތީގެ މަޝްހޫރު ޔޫޓިޔުބަރ ޚާލިދު އަލް އަމޭރީ މެދުވެރިކޮށް ރާއްޖެ އިސްތިހާރުކުރުމުގެ މަސައްކަތް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފަށައިފިއެވެ.
އެމްއެމްޕީއާރުސީން ބުނީ، މި މަޝްރޫޢުގެ ދަށުން ރަމަޟާން މަހުގައި ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގެ ތަޖުރިބާ ޚާލިދު އަލް އަމޭރީގެ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގައި ހިއްސާކުރާނެ ކަމަށެވެ. މިއީ މެދުއިރުމަތިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޚާއްސަ ހަރަކާތެއް ކަމަށްވެސް އެމްއެމްޕީއާރުސީން ފާހަގަކުރިއެވެ.
ޚާލިދު އަލް އަމޭރީ ރާއްޖޭގައި ހުންނާނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހާ ހަމައަށެވެ. މި މުއްދަތުގައި އޭނާ ކޮންމެ ދުވަހަކު ސޯޝަލް މީޑިޔާގައި ޕޯސްޓްތައް ކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. މި ޕޯސްޓްތަކުގައި ރަމަޟާން މަހު ރާއްޖޭގައި އޭނާ ކުރާ ތަޖުރިބާތަކާއި، ގޮނޑުދޮށުގައި ރޯދަވީއްލުން ފަދަ ސަގާފީ އާދަކާދަތަކާއި، މެދުއިރުމަތީގެ ފަތުރުވެރިންނަށް ޚާއްސަ ލަގްޒަރީ ތަންތަން ދައްކުވައިދޭނެ ކަމަށް ވެއެވެ.
ޚާލިދު އަލް އަމޭރީގެ އެކި ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގައި ޖުމްލަ 21 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބެއެވެ. އޭނާއަކީ އިސްލާމީ އާދަކާދަތަކާއި މުޖުތަމަޢުގެ އަސާސްތައް ފުޅާކުރުމަށް މަސައްކަތްކުރާ، ހިތްގައިމު އަދި މަޖާ ކޮންޓެންޓް އުފައްދާ މަޝްހޫރު ޔޫޓިޔުބަރެކެވެ.
ފާއިތުވި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 3.9 އިންސައްތައަކީ މެދުއިރުމަތީގެ ޤައުމުތަކުން އައި ފަތުރުވެރިންނެވެ. އެއީ 79،000 އަށްވުރެ ގިނަ ފަތުރުވެރިންކަން ފާހަގަކޮށްލެވެއެވެ.