މިދިޔަ އަހަރުގެ ޖޫން ފަސްވަނަ ދުވަހު ނާސާގެ ކުޅަދާނަ އެސްޓްރޮނޯޓުން ކަމަށްވާ "ބުޗް" ވިލްމޯރް އަދި ސުނިތާ "ސުނީ" ވިލިއަމްސް އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް 8 ދުވަހުގެ މިޝަނެއްގައި ފުރިއެވެ. ނަމަވެސް، އެމީހުން ދަތުރުކުރި ބޯއިންގ ސްޓާލައިނާ އުޅަނދަށް ދިމާވި ނުރައްކާތެރި މައްސަލައެއްގެ ސަބަބުން، އެމީހުންގެ ކުރު ދަތުރު 286 ދުވަހުގެ ދިގު ދަތުރަކަށް ބަދަލުވެގެން ދިޔައެވެ.
މައްސަލަ ފެށުނީ ސްޓާލައިނާ އުޅަނދުގެ ޕްރޮޕަލްޝަން ސިސްޓަމަށް މައްސަލަ ދިމާވި ހިސާބުންނެވެ. މިކަމުގެ ސަބަބުން އެ އުޅަނދުގައި ބުޗް އާއި ސުނީ ބިމަށް އެނބުރި އައުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ނާސާއިން އެންގިއެވެ. ނަތީޖާއަކީ އެ ދެމީހުން އައިއެސްއެސްގައި މަޑުކުރަން ޖެހުމެވެ. ކުރު މުއްދަތަކަށް ކަމަށް ހީކޮށްގެން ފެށި ދަތުރު 10 މަހާއި ގާތަށް ދިގުދެމިގެން ދިޔައެވެ.
މިކަމުގެ ސަބަބުން އެމީހުންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑު ގޮންޖެހުމަކާއި ކުރިމަތިވިއެވެ.
ނާސާގެ ކުޅަދާނަ އެސްޓްރޮނޯޓުން ކަމަށްވާ "ބުޗް" ވިލްމޯރް އަދި ސުނިތާ "ސުނީ" ވިލިއަމްސް އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް)ގައި.
ޖައްވުގައި އެހާ ގިނަ ދުވަހު އެމީހުން ދިރިއުޅުނީ ކިހިނެއްހޭ؟ މިއީ ހިތަށް އަރާނެ ސުވާލެއް ދެއްތޯއެވެ؟ އެމީހުން ކެއީ ކިހިނެއްތޯ އާއި ކާއެއްޗެހި ހޯދި ގޮތާއިމެދު ވެސް ތިޔަ ކިޔުންތެރިންގެ ހިތުގައި ސުވާލު އުފެދޭނެކަން އެނގެއެވެ.
ދިރިހުރުމަށްޓަކައި، އެމީހުން އެންމެ ފަރުވާތެރިވީ ގަވާއިދުން ކަސްރަތު ކުރުމަށެވެ. އެމީހުންނަށް ކާނާ ލިބެނީ އިންސާނަކާއި ނުލައި ދަތުުކުރާ ރޮބޮޓިކް ކާގޯ ސްޕޭސްކްރާފްޓް މެދުވެރިކޮށެވެ. އެމީހުން ބޭނުންވާ ސާމާނުތައް އެމީހުންނާއި ހަމަޔަށް ފޯރުކޮށްދިނުމަށްފަހު އެ މުދާ އުފުލާ ރޮބޮޓް ނުވަތަ ބޯޓުތައް އެނބުރި ދުނިޔެއަށް އަންނަނީ ހުސްކޮށެވެ. އެމީހުން ކެއި ތަކެތީގެ ތެރޭގައި ގަނޑުކޮށްފައި ހުރި ޕާސްތާ، ސޫޕް އަދި އާފަލް ފަދަ މޭވާ ހިމެނެއެވެ.
ބުޗް އާއި ސުނީ އަށް ކާބޯތަކެތި ޑެލިވަރީކޮށްދޭ ކާގޯ ސްޕޭސްކްރާފްޓްގެ ކުރެހުމެއް.
ޖައްވީ ސްޓޭޝަނުގައި ހުރި ސުނީ އޭނާއަށް ދުނިޔޭގެ ބިމުން ރޮބޮޓް ގެނެސްދިން ކާއެއްޗެހި ކަނީ.
ނަފްސާނީ ގޮތުން ވަރުގަދަވެ ތިބުމަށް، އެމީހުން އާއިލާއާ ގަވާއިދުން ގުޅައި ހަދައެވެ. ޔަޤީންކަމެއް ނެތް ޙާލުގައި އެހާ ދުވަހު ޖައްވުގައި ތިބި ސުނީ އާއި ބުޗް އަނބުރާ ގެނައުމަށް ނާސާއިން ސްޕޭސްއެކްސްއާއި ގުޅިގެން މަސައްކަތްކުރިއެވެ.
އެމީހުންނަށް ދުނިޔެއަށް އާދެވުނީ މި މާޗު މަހުގެ 18 ވަނަ ދުވަހުގައެވެ. މިއީ މިދިޔަ އަހަރުގެ ޖޫން 5 ގައި 8 ދުވަހުގެ ދިރާސާއަކަށް ޖައްވަށް ދިޔަ މީހުންނެވެ. ދުނިޔެއަށް މި އާދެވުނީ 286 ދުވަހުންނެވެ.
މާޗް މަހުގެ 18 ވަނަ ދުވަހު ޖައްވުން ދުނިޔެއަށް އައުމުން ކެޕްސޫލް ތެރެއިން އެސްޓްރޮނޯޓް ވިލްމޯރް ނެރެނީ: ދިމާވި ޓެކްނިކަލް މައްސަލައަކާއި ހެދި 8 ދުވަހަށް ދިޔަ މި ދަތުރު ފަހުން ބަދަލުވީ 9 މަހަށް.