1446 ވަނަ އަހަރުގެ ރަމަޟާން މަހުގައި މާލޭ ސަރަހައްދުގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް އިސްކަންދަރު ސްކޫލުގައި ހަމަޖައްސައިފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިންނެވެ.
ޒަކާތު ހައުސްއިން މަޢުލޫމާތު ދިންގޮތުގައި، މިއަހަރުވެސް އެހެން އަހަރުތަކެކޭ އެއްފަދައިން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިމަހުގެ 22 ވާ ހޮނިހިރު ދުވަހުން ފެށިގެން 27 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވެއެވެ. ކުރިން މާލޭ ސަރަހައްދުގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުން ހަމަޖައްސާފައިވަނީ މަޖީދިއްޔާ ސްކޫލުގައި ކަމަށާއި، ނަމަވެސް މިހާރު އެ އިންތިޒާމް އިސްކަންދަރު ސްކޫލަށް ބަދަލުކޮށްފައިވާ ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.
ޒަކާތު ހައުސްއިން އިތުރަށް ބުނީ، އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ މެންދުރު 13:00 އިން ހަވީރު 16:00 އަށް އިސްކަންދަރު ސްކޫލުން ގޮވާމުގެ ގޮތުގައި ފިޠުރު ޒަކާތް ބަލައިގަންނަމުންދާނެކަަމަށެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތަކުގެ ތެރޭގައި އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށް ހިމެނެއެވެ. ފިޠުރު ޒަކާތޒަކާތް ދައްކާނީ އާންމުގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.