ފ. ނިލަންދޫގައި ޤާއިމްކުރާ ފެމެލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ (އެފްސީއެސްސީ)ގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް މިއަދު ބައްލަވައިލައްވައިފިއެވެ.
އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، މި އައު އިމާރާތަކީ ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިން ބެލެހެއްޓޭނެ އިންތިޒާމުތަކާއެކު ޤާއިމްކުރެވޭ އިމާރާތެކެވެ. އަދި މިއަހަރުގެ ދެވަނަ ކުއާޓާގެ ތެރޭގައި މި އިމާރާތް ހުޅުވައި، ޚިދުމަތް ފޯރުކޮށްދޭން ފެށުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރިއެވެ.
ވުޒާރާއިން އިތުރަށް ބުނީ، މި އައު އިމާރާތަކީ 30 ކުދިން ބެހެއްޓޭގޮތަށް ފަރުމާކުރެވިފައިވާ ސެންޓަރެއްކަމަށެވެ.
ވަޒީރު ޑރ. ޢާއިޝަތު ޝިހާމްގެ މި ދަތުރުފުޅުގައި، އެރަށުގެ ކައުންސިލާއި ބައްދަލުކުރައްވައި، އިޖްތިމާޢީ އަދި އާޢިލީ ދުޅަހެޔޮކަން ތަރައްޤީކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، އެފްސީއެސްސީގެ މުވައްޒަފުންނާއިވެސް ބައްދަލުކުރައްވައި، ސެންޓަރުގެ ހިންގުން ހަރުދަނާކުރުމަށާއި ޚިދުމަތްތައް ފުޅާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ވުޒާއިން ބުންޏެެވެ.
މި ދަތުރުފުޅުގައި ވަޒީރުގެ އިތުރުން އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.