ކުރީގެ ހައި ކޯޓުގެ ފަނޑިޔާރު ސ. ހިތަދޫ ބާޒީގޭ ހުސައިން ޝަހީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މިއަދު އައްޔަން ކުރައްވައިފިއެވެ.
ހުސައިން ޝަހީދު ސުޕްރީމް ކޯޓިގެ ފަނޑިޔާރު ކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރެއްވީ، ކުރިން އެ މަޤާމުގައި ހުންނެވި ސ. މީދޫ ހަސަންކާރިގޭ ހުސްނުއްސުޢޫދު އާއި ގުޅޭ މައްސަލަތަކެއް ފެމްމަތިވެ އޭނާ ފަނޑިޔާރުކަމުގެ ވަޒީފާއިން ސަސްޕެންޑް ކުރައްވާފައި ހުއްޓާ އަމިއްލައަށް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ޝަހީދުގެ ނަން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޢައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށްރައީސް ފޮނުއްވީ އެ މަޤާމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ދެ ފަހަރެއްގެ މަތިން އިޢުލާންކޮށް، ތިން ކެންޑިޑޭޓުންނާއި އިންޓަވިއު ކުރުމަށްފަހުއެވެ.
ސުޕްރީމް ކޯޓު ފަނޑިޔާރު ކަމަށް ޝަހީދަށް ރުހުން ދިނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާޤުންނެވެ.
ހައިކޯޓަށް ޝަހޑު ޢައްޔަންކުރެއްވީ 2018 ވަނަ އަހަރުއެވެ. އޭނާ ވަނީ 2023 ގައި އެ ކޯޓުގެ އިސް ފަނޑިޔާރުކަމަށްވެސް އައްޔަންކުރެވިފައެވެ. މީގެ ކުރިން އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރުކަމާއި ފޭދޫ މެޖިސްޓްރޭޓް ކަމާއި ކްރިމިނަލް ކޯޓުގެ ޤާޟީކަން ކުރައްވާފައެވެ. އޭނާ ވަނީ އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީގެ ދާއިރާއިން މާސްޓާސް ޑިގްރީ އަދި ޖޫރިސްޕްރޫޑަންސް އެންޑް ލޯ، އެލްއެލްބީ ހާސިލްކުރައްވާފައެވެ.
މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި، ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު، މަހާޒު ޢަލީ ޒާހިރު، ޢަލީ ރަޝީދު ޙުސައިން އަދި ޑރ. މުޙައްމަދު އިބްރާހީމެވެ. މީގެ ތެރެއިން ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒު ވަނީ ސުލޫކީ މައްސަލަތަކެއްގައި މިހާރު ސަސްޕެންޑް ކުރެވިފައެވެ.