ޝަރުޢީ އުސޫލުތަކާއި އެއްގޮތަށް ކޭޝް ވަގުފު ފަންޑު ފަށާނީ 15 މިލިއަން ރުފިޔާއާއެކު ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިރޭ މީޑިއާތަކާއި ހިއްސާކުރެއްވި މެސެޖުގައި މިނިސްޓަރު ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ވަގުފު ފަންޑު ތަރައްޤީކޮށް، ޝަރުޢީ އުސޫލުތަކާއި އެއްގޮތަށް ކޭޝް ވަގުފު ކުރެވޭނެ ނިޒާމު މިހާރު ޤާއިމުކޮށްފައިވާ ކަމަށެވެ. އަދި ކޭޝް ވަގުފުން އިންވެސްޓްކޮށް އޭގެ ސާފު ފައިދާއިން އިސްލާމީ ދާއިރާތަކަށް ހޭދަކުރަން ނިންމާފައިވާ ކަމަށާއި، ދިވެހި ރައްޔިތުންގެ ތެރެއިން ﷲ ގެ މަގުގައި ނަގުދު ފައިސާ ވަގުފުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ވަގުފު ފަންޑަށް ސަދަޤާތާއި ޚައިރާތާއި ހިބައާއި ވަޞިއްޔަތުގެ ގޮތުން ދޭ ހަދިޔާވެސް ބަލައިގަނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން ވަގުފު ފަންޑުން ހޭދަކުރުމުގެ އުސޫލު އެކުލަވާލައި ގެޒެޓްކޮށް، މިއަދުން ފެށިގެން އެ އުސޫލަށް ޢަމަލުކުރަން ފަށާފައިވެއެވެ. މި އުސޫލުގެ ދަށުން ވަގުފު ފަންޑު ބެލެހެއްޓުމާ ޙަވާލުވާ ފަރާތަކީ އިސްލާމިކް މިނިސްޓަރެވެ. އަދި ހުރިހާ ޙާލަތެއްގައި ވެސް ވަގުފު ފަންޑަށް ޒިންމާވާންޖެހޭ އެންމެ އިސް ފަރާތަކީ އިސްލާމިކް މިނިސްޓްރީއެވެ.
އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، ފަންޑުގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ސިޔާސަތުތައް ކަނޑައެޅުމަށާއި ނިންމުންތައް ނިންމުމަށް ހަތް މެންބަރުން ހިމެނޭ ފަންޑު ކޮމިޓީއެއް އުފައްދަންވާނެއެވެ. އަދި ފަންޑު އަހަރުން އަހަރަށް އޮޑިޓްކޮށް އަހަރީ ރިޕޯޓު ނެރެންވާނެއެވެ. ފަންޑު އުވާލަން ޖެހިއްޖެނަމަ، ފަންޑުގައިވާ ވަގުފު މުދަލާއި ފައިސާ، ޝަރުޢީ ލަފާދޭ ކޮމިޓީގެ ލަފާގެ މަތިން، އެހެން ވަގުފަކަށް ނުވަތަ ވަގުފު ފަންޑަކަށް ބަދަލުކުރަންވާނެއެވެ.