ބައިނަލްއަގުވާމީ އުފާވެރިކަމުގެ ދުވަސް މާދަމާ ކުލަގަދަ ގޮތެއްގައި ފާހަގަކުރަން ސަރުކާރުން ތައްޔާރުވެއްޖެ އެވެ.
ލޯކަލް ގަވަނެންސް މިނިސްޓްރީ ވަނީ ގިނަ ބަޔަކަށް އުފާވެރިކަން ގެނުވައިދޭ ފަދަ ގޮތަކަށް މި ދުވަސް ފާހަގަކުރުމަށް އެކި ހަރަކާތްތައް ފެށުމަށް ތައްޔާރުވެފަ އެވެ.
ބައިނަލްއަގުވާމީ އުފާވެރިކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ މާޗު މަހުގެ 20 ވަނަ ދުވަހެވެ.
މިނިސްޓްރީން ބުނީ "ބައިނަލްއަގުވާމީ އުފާވެރިކަމުގެ ދުވަސް” ފާހަގަކުރުމަށް މިއަދާއި މާދަމާ މާލޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި، ގިފްޓް ޕެކް ހަވާލުކުރުމާއި ދުވަހާއި ގުޅޭ ކާޑު ބެހުމާއި މާ ހަދިޔާކުރުމާއި ދުވަހުގެ ތަހުނިޔާ ފޮނުވުން އަދި ޓީވީއެމުން މިހާރު ލޯންޗްކޮށްފައިވާ "ހިތްހެޔޮކަމުން އުފާވެރިކަން" މި ކެމްޕޭނުގެ ދަށުން ހިތްހެޔޮކަމާއި އޯގާތެރިކަމުން އުފާވެރިކަން ގެނުވައިދޭ ފަދަ ވީޑިޔޯ ފޮނުވުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުން ހިމެނޭ ކަމަށެވެ.
މި އަހަރުގެ "ބައިނަލްއަގުވާމީ އުފާވެރިކަމުގެ ދުވަސް" ފާހަގަކުރެވެނީ ހެޕިނަސް އިންޑެކްޝަންގެ ޕާޓްނަރުން ކަމުގައިވާ ޕީއެސްއެމާއި ދިރާގާއި މޯލްޑިވްސް ޕޮލިހާއި އުރީދޫ މޯލްޑިވްސް އާއި ވީބީ މާޓް އަދި ހެޔޮއެދޭ ބައެއް ފަރާތްތަކުގެ އެހީތެރިކަމާއެކުގަައި ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ގޮތުން ފަރުދީ ފެންވަރުގަ އާއި މުއައްސަސާތަކުގެ ފެންވަރުގައާއި މުޖުތަމައުގެ ފެންވަރުގައި އަނެކުންނަށް އެހީތެރިވެ، އޯގާތެރިވުމުގެ ގޮތުން ކޮންމެ ވެސް ކަމެއް ކޮށްލަ ދެއްވުމަކީ މި ދުވަސް، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރުމުގެ އެންމެ މަތިވެރި އެއް މަގުސަދު ކަމަށް މިނިސްޓްރީން ބުންޏެވެ.